ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނީ އެގައުމެއްގެ އަމިއްލަ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ގާއިމު ކުރި ޑޮކްޓަރު ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު ހުޅުއްވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ޑީޑީ އަކީ ސިއްހީ ދާއިރާއިން ރާއްޖޭގައި ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޑީޑީއަށް ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހިދުމަތް ފޯރުކޮށްދޭ ޢިމާރާތް ކިތަންމެ ކުޑަ ނަމަވެސް ތަނުންދޭ ހިދުމަތް ރަނގަޅުނަމަ، އެތަނަކީ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެ ކަމުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސިއްހީ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެންމެ މުހިންމު އެއް ހިދުމަތްކަން ފާހަގަ ކުރައްވައި، ސަރުކާރުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފައެވެ.