އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓާޒް، ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފޭސް ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަވާލުކުރެއްވި 1.07 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ، ޅ.މާފިލާފުށީގައި ގާއިމްކޮށްފައި ހުރި ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފޭސްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވެދިން އެހީއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކުރާ ފައިސާގެ ރަމްޒީ ޗެކް، ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރްއެވެ. އަދި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީއެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިން ސެންޓަރެވެ. އެ ޓްރޭނިން ސެންޓަރު ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ޓްރޭނިން ސެންޓަރު އިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިން ސެންޓާ، އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް އަދި ދެ ރެކްރިއޭޝަން ބިލްޑިންގެ އިތުރުން މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ. ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.

ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް އިންޑިއާއިން 1.07 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ޑިފެންސް މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ އަބްދުއްރަހީމް އަބްދުއްލަތީފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާން ހާންޑޫ އަދޮ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، ސީނިއާ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިންނެވެ.