މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފި ކަން އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަސް އެނގިއްޖެއެވެ.
ގަވަރުނަރުގެ ސެކްރެޓަރީއަށް ގުޅުމުން އޭނާ ބުނީ އެކަމާ ކޮމެންޓެއް ކުރެވެން ނެތް ކަމަށާ މީޑިއާ އޮފިޝަލަށް ގުޅުމަށެވެ. ނަމަވެސް އެމްއެމްއޭގެ މީޑިއާ އޮފިޝަލްވެސް ކޮމެންޓެއް ނުކުރިއެވެ.
ނަމަވެސް ރައީސް އޮފީހުން ބުނީ ގަވަރުނަރު އިސްތިއުފާ ދެއްވިކަން ނޭނގޭ ކަމަށާ އިސްތިއުފާގެ ސިޓީއެއްވެސް އަދި ނުލިބޭ ކަމަށެވެ. އަދި ގަވަރުނަރު ގޭގައި މަޑުކޮށްލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިކަމަށް ދެކެވޭ ވާހަކަތައްވެސް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ދޮގު ކުރައްވައިފައެވެ.
24 އޯގަސްޓް 2017 ގައި ގަވަރުނަރުކަން ލިބިވަޑައިގެންނެވި ނަސީރަށް ވަނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒު ވެފައެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގާ ދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިނގައި ދިޔަ ކަންކަން ފޮރުވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ނަސީރުގެ މައްޗަށް ވަނީ ކުރެވިފައެވެ.
އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުއްވަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުންހުރި ފައިސާގެ މުއާމަލާތެއްގެ ރިޕޯޓެއް ފުލުހުންނަށް ފޮނުވަން އެފްއައިޔޫ އިން އުޅުމުން އެފަދަ ކަމެއް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ނުކުރުމަށް ނަސީރު އޭނާއަށް އެންގެވި ކަމަށް އޭނާ ތުހުމަތު ކުރެއެވެ.
ނަސީރު ވިދާޅުވިކަމަށް އަޝްރަފު ވިދާޅުވީ، "ތިކަން ތި ކުރަނީ ކަލޭ މޮޔަކަމުން ހޭ ނޫނީ ތިމަންނާއަށް ޖެއްސުމަށް ހޭ. ތިމަންނާއަށް މިހާރުވެސް މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު އެބަ އާދެއޭ. ޖަލަށް ވެސް ދާންޖެހިދާނެ އޭ. ތިމަންނަ ކަންބޮޑުވަނީ ފެމިލީއަށް ދެރަގޮތެއް ވެދާނެތީ އޭ،" އަޝްރަފު ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން އޭސީސީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ގުޅިގެން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލަ ވެސް ނުފޮނުވަން ނަސީރު އެންގެވި ކަމަށް އަޝްރަފު ތުހުމަތު ކުރައްވައެވެ.
ނަސީރުގެ އިސްތިއުފާ މިއައީ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިން މައްސަލަ ހަލުވި ކަމާއެކު ބަލަމުންދާ ދަނޑިވަޅެއްގައެވެ.