ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ކުނި މެނޭޖު ކުރާނެ އާލާތްތައް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގައި މެންބަރުންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެ ކުންފުންޏަށް މިހާރު ކުރެވޭ ކަމަކީ ކުނި އެއްކުރުން ކަމަށާއި ކުނި މެނޭޖު ކުރާނެ އާލާތެއް ނެތް ކަމަށެވެ.

މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ވެމްކޯ ކުރިއެރުވުމަށް މަސައްކަތް ކުރާ ނަމަ، ވޭސްޓް މެނޭޖު ކުރަން ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ އަދި އެކަމަށް ކޮންމެހެން ބޭނުންވާ އާލާތްތައް ހަމަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ވެމްކޯގެ ޕްރޮޖެކްޓްތަކަށް ފައިސާގެ އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ހުރިކަމަށާއި، އެއްވެސް ކަހަލަ ޑޮނޭޝަނެއް އަދި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ހެޔޮއެދޭ ފަރާތްތަކުން ވެސް ފަސް ޖެހެމުންދާ ކަމަށެވެ.

ވެމްކޯގެ ޕްރެޖެކްޓްތަކުގައި ފައިނޭންސް ނާންނަ އެންމެ ބޮޑު ސަބަބެއް ކަމުގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް އޮންނަ ކޮރަޕްޝަން އެލިގޭޝަންތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ކަމުގައެވެ. އެގޮތުން މި މައްސަލަތަކުގެ އަސަރު ވެމްކޯ އަށް ކުރާ ކަން ފާހަގަ ކުރައްވަމުން މެނޭޖިން ޑިރެކްޓާރު ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުން، ވެމްކޯ އަކީ ދައުލަތުގެ 100 ޕަސެންޓް ކުންފުންޏަކަށް ވިޔަސް، މީހުން ވަނީ ޑައިރެކްޓްކޮށް ވެމްކޯ އަށް ޑޮނޭޓް ކުރަން ފަސް ޖެހިފައި ކަމަށެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ފައިނޭންޝަލް ހެޑް މުހައްމަދު އިގްބާލް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އުފެއްދި ވެމްކޯ، މިއަދާ ހަމައަށް ވެސް ހިނގަމުން ދަނީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް ގެއްލުން ވަމުންދާ އަދަދު އެއް އަހަރަށް ވުރެން އަނެއް އަހަރު ދަނީ ކުޑަ ކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ.