ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަލީ ލޯންޑަރިންގެ ދުއުވާގެ ޝަރީއަތުގައި އެމަނިކުފާނަކީ ސާބިތުވެ ހުންނަވާ ވަކާލާތު ކުރައްވާނެ ލީޑަރެއްކަން ހާމަވެގެން ދިޔަކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ޝަރީއަތްތަކަށް ހާޒިރު ކުރުމުން ތިއްބެވީ ހަނު ކަމަށެވެ. އަދުރޭވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރު ކުރި އިރު ހަނު ހުންނެވި ކަމަށް ވިދާޅުވެ، ރައީސް ޔާމީން ހާޒިރު ކުރެވުމުން ހަނު ހުންނެވުމުގެ ބަދަލުގައި އަމިއްލަފުޅަށް ތެދުވެވަޑައިގެން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ވެވަޑައިގެން ސާބިތުކަން ދައްކަވާފައި ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރުން އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ސިޔާސީ މަސައްކަތައް ނުކުންނަވާ ރެލީތަކުގައި ބައިވެރިވެ ވަޑައިގަތުމުން ސަރުކާރަށް އޮތް ތާއިދު ކުޑަވަމުން ދާތީ ކުރާ ކަންކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު، އެ މައްސަލައިގެ ޝަރީއަތްވެސް ވަނީ މިއަދު ފަށާފައެވެ. އަދި ހެކި ހުށަހެޅުމަށް ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ދެވަނަ އަޑުއެހުމެއް ބާއްވަން ވަނީ ތާވަލު ކޮށްފައެވެ.