ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައި ނުގަނެ ޝަރީއަތް ފަށައިފިއެެވެ.

ފުރަތަމަ ފަހަރަަށް ޓީވީ ތަކުން ލައިވްކޮށް ދެއްކި މި ޝަރީއަތުގެ އިބްތިދާއީ އަޑު އެހުމުގައި ޔާމީންގެ ފަރާތުން ވަނީ ފަސްކަމެއް ދިފާއުގައި ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ އެ ހުށަހެޅުންތައް ބަލައިނުގަންނަވައި ޝަރީއަތް ފަށްޓަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ވަނީ 10 ހެއްކެއް ހުށަހަޅާފައެވެ. މީގެ ތެރެއިން ދެ ހެކިން ޝަރީއަތުން ވަނީ ބަލައި ނުގެންފައެވެ. ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި، ހަސަން ލުތުފީ، މުއައްވިޒު ރަޝީދު، މުހައްމަދު ވަސީމް އިސްމާއިލް، އަހުމަދު އަދީބު، މޫސާ ޒަމީރު އަދި މުހައްމަދު ލުވެއިޒްގެ އިތުރުން މުހައްމަދު ޝަރީފު އަދި އަބްދުﷲ ޒިޔަތު ހިމެނެއެވެ. ޝަރީއަތުން ބަލައިނުގަތް ދެ ހެކިންނަކީ، މުހައްމަދު އައްލާމްއާއި އަހުމަދު އިޝްފާހު އެވެ. މި ދެ ހެކިން ބަލައިނުގަތުމަށް ނިންމީ، އެ ހެކިންނަކީ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު ހުށަހަޅާފައި ހުރި ހެކިތަކަކަށް ވުމާ ގުޅިގެންނެވެ. މީގެ އިތުރުން ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ތެރޭގައި އެސްކްރޯ އެއްބަސްވުން، ރައީސް ޔާމީނު ފުލުހުންނަށް ދެއްވާފައިވާ ބަޔާން އަދި އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ރިޕޯޓު ހިމެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި

މި ދައުވާއާ ބެހޭ ގޮތުން އަމިއްލަފުޅަށް ދިފާއުވުމަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެމަނިކުފާނާ އެކު ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެއްވީ ގާނޫނާ ހިލާފު ވާތީ ކަމަށެވެ. އެގޮތުން، އެސްއޯއެފުން ޖަމާކުރި ފައިސާ، އެމްއައިބީ އެކައުންޓުން، ބީއެމްއެލްގެ އެކައުންޓަށް ބަދަލު ކޮށްފި ނަމަ، އެ ފައިސާގެ އަސްލު އޮޅު ވީ ކަމަށް ވާނެ ކަމަށާއި، އެ ފައިސާ އޭސީސީއާ އެކު ހުޅުވަފައިވާ އެކައުންޓަށް ޖަމާ ނުކުރެއްވީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓް ހުޅުވުމަށް ހެދި އެގްރީމެންޓާ އެއްގޮތަށް ފައިސާ ބެހެއްޓީމައި، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ ކީއްވެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެސްއޯއެފުން ޖަމާކުރި ޗެކަކީ، ދައުލަތުގެ ފައިސާ ކަމަށް ކަނޑައަޅާ ހިސާބުން އެ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ އެސްއޯއެފް ޗެކަކުން ޖަމާކޮށްފައި ހުރި އެއްޗެއްކަން އެނގި ވަޑައިގެންނެވީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީގެ ފަރާތުން ކަމަށެވެ. އަދި އެ ވާހަކަ އެނގި ވަޑައިގަތުމުން، ހުރިހާ މަސައްކަތެއް ހުއްޓަވާފައި އެއީ، ދައުލަތުގެ ފައިސާތޯ ބައްލަވައި ދެއްވުމަށް އެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް ވެސް އެއީ ދައުލަތުގެ ފައިސާ ކަމަށް، އެއްވެސް އިދާރާއަކުން ނުބުނާ ކަމަށާއި، މި ފައިސާ އަނބުރާ ރައްދު ކުރެއްވުމަށް އެއްވެސް އިދާރާއަކުން އެދިފައި ނުވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި، ރައީސް ޔާމީނަށް ހެކިން ހުށަހަޅުއްވަން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އަދި ހެކިންގެ ހެކި ބަސް ނެގުމަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާނު ކުރައްވައި، ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ.