އެސްއޯއެފުން ކުރީގެ ރައީސް އަބދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެމަނިކުފާނާއި އެކު ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރީ ގާނޫނާ ހިލާފު ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ، އެސްއޯއެފުން ޖަމާކުރި ފައިސާ، އެމްއައިބީ އެކައުންޓުން، ބީއެމްއެލްގެ އެކައުންޓަށް ބަދަލު ކޮށްފި ނަމަ، އެ ފައިސާގެ އަސްލު އޮޅު ވީ ކަމަށް ވާނެ ކަމަށާއި، އެ ފައިސާ އޭސީސީއާ އެކު ހުޅުވަފައިވާ އެކައުންޓަށް ޖަމާ ނުކުރެއްވީ އެ ސަބަބާ ހުރެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓް ހުޅުވުމަށް ހެދި އެގްރީމެންޓާ އެއްގޮތަށް ފައިސާ ބެހެއްޓީމައި، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ ކީއްވެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެސްއޯއެފުން ޖަމާކުރި ޗެކަކީ، ދައުލަތުގެ ފައިސާ ކަމަށް ކަނޑައަޅާ ހިސާބުން އެ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ އެސްއޯއެފް ޗެކަކުން ޖަމާކޮށްފައި ހުރި އެއްޗެއްކަން އެނގި ވަޑައިގެންނެވީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީގެ ފަރާތުން ކަމަށެވެ. އަދި އެ ވާހަކަ އެނގި ވަޑައިގަތުމުން، ހުރިހާ މަސައްކަތެއް ހުއްޓަވާފައި އެއީ، ދައުލަތުގެ ފައިސާތޯ ބައްލަވައި ދެއްވުމަށް އެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް ވެސް އެއީ ދައުލަތުގެ ފައިސާ ކަމަށް އެއްވެސް އިދާރާއަކުން ނުބުނާ ކަމަށާއި، މި ފައިސާ އަނބުރާ ރައްދު ކުރުމަށް އެއްވެސް އިދާރާއަކުން އެދިފައި ނުވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދިފާއުވުމަށް މިހާތަނަށް ހުށަހެޅި ހަތަރު ނުކުތާ ވެސް ޝަރީއަތުން ބަލައިގަންފައެއް ނުވެއެވެ.