ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ދާ ގޮތް އޮޕޮޒިޝަނުން ދާނީ ގާތުން ބަލަމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށާއި، އިންސާފާއި ބޭ އިންސާފު ރައްޔިތުން ވެސް މިން ކުރާން ކަމަށެވެ. އާދަމް ޝަރީފް ޓްްވިޓާގައި ކުރެއްވި މި ޕޯސްޓްގައި އޭނާ ވަނީ ގައުމުގެ ގިނަ ކަންކަމަށް ރައީސް ޔާމީން އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަމަކީ ގިނަ ބަޔަކު ގަބޫލު ކުރާ ކަމެއް ކަން ފާހަގަ ކުރައްވާފައެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު މެންދުރު ފަހު 12:45 ގައި، ޓީވީ އިން ލައިވް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޝަރީއަތެއް ޓީވީއިން ލައިވް ކުރާ ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް، ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހޭތީ އެކަން ކުރީ ބައިގައި އަންގާފައި ނުވުމުން އެ ދުވަހު ތާވަލު ކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފާވެއެވެ. ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެއެވެ.