މާލޭގައި މުދާ އުފުލުމުގެ ގަޑިތަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަށް މި ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިވަމުން ދާކަމަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން މުދާ އުފުލާ ގަޑިތަކަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން މިއަދު ނެރުނު އިއުލާނުގައި ބުނީ، ކުރިން މުދާ އުފުލުމަށް ހަމަޖައްސާފައިވާ ގަޑިތައް އަލުން މުރާޖާކޮށް އިއްޔެއިން ފެށިގެން މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، މާލެއާއި ހުޅުމާލެއާ ދެމެދު މުދާ އުފުލުމާއި، ބުރިޖު ހުރަސްކޮށް މުދާ އުފުލުމާއި، އަދި ކޮންސްޓަރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލާ އުޅަނދުތައް ދަތުރުފަތުރު ކުރުމުގެ ވަގުތުތަކަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ.

މާލެއާއި ހުޅުމާލޭގައި މުދާ އުފުލާ އިރު 350 ކިލޯއަށް ވުރެ މަދުން މުދާ އުފުލާ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އެގޮތުން މުދާ އުފުލޭ ގަޑިތަކަށް ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 1:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުނޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ޓްރާންސްޕޯޓުން ވަނީ ހަމަޖައްސާފައެވެ. ފެނާއި ގޭސް އުފުލާ ފަރާތްތަކަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލޭގައި ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން އެ މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

ބުރިޖުމަތިން މުދާ އުފުލާ ނަމަ މުދާ ގެންދިއުމުގައި ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން މުދާ އުފުލޭނެ ކަމަށާއި، އަދި ދެ ޓަނުން މަތީގެ އުޅަނދުތަކަށް ބުރިޖުމަތިން އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ކޮންސްޓަރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި މާލެއާއި ހުޅުމާލެއާ ދެމެދު ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަހައްދުގައި މިހާރެކޭވެސް އެއްގޮތަށް މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން އަންގާފައި ވެއެވެ. އެގޮތުން މުދާ އުފުލުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް "އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު" ގެ 12 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.