ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތައް އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ރައްދު ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ބީއެމްއެލްގެ އިސްވެރިން ހާޒިރު ކުރުމުން، އެ ބޭންކުން ވަނީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، 2014 ވަނަ އަހަރު ނޮވެމްބަރު 27 ވަނަ ދުވަހު އެފްއައިޔޫ އަށް އެކަން ރިޕޯޓް ކުރުމުން، އެސްއޯއެފްގެ އެކައުންޓް ހޯލްޑް ނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ނީޒާ ލަފާ ދެއްވި ކަމަށް ބުނެފައެވެ. ނަމަވެސް، ނީޒާ ވަނީ އެފަދަ އެއްވެސް ކަމެއް ކުރުމަށް ބޭންކަށް ލަފާ ނުދެއްވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.

ނީޒާ ވިދާޅުވީ، އެމްއެމްޕީއާރްސީ އަދި އެސްއޯއެފާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ނީޒާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އެފްއައިޔޫގެ އިސްވެރިއާގެ އެންގެވުމަށް ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން، އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅުއްވައި ދޫކޮށްލުމަކީ ހެޔޮ ނިޔަތެއްގައި ކުރައްވައިފައިވާ ކަމެއް ނޫންކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.