ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޖިލީހުގައި އޭނާއަށް ކުރާ ތުހުމަތު ތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތަކަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު އެދިވަޑައިގަންނަވަން ނިންމަވައިފިއެވެ.
އާތިފު ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ސިޓީ ފޮނުއްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ބީއެމްއެލްގެ އިސްވެރިން ހާޒިރު ކުރުމުން، އެ ބޭންކުން ވަނީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، 2014 ވަނަ އަހަރު ނޮވެމްބަރު 27 ވަނަ ދުވަހު އެފްއައިޔޫ އަށް އެކަން ރިޕޯޓް ކުރި ކަމަށް ބުނެފައެވެ. އެގޮތުން، ބޭންކްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވި ގޮތުގައި، އެސްއޯއެފްގެ އެކައުންޓް ހޯލްޑް ނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު އަދި އެ ޔުނިޓްގެ ވެރިއާ، އާތިފު ލަފާ ދެއްވި ކަމަށެވެ.
އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އާތިފުގެ އެންގެވުމަށް ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން، އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅުއްވައި ދޫކޮށްލުމަކީ ހެޔޮ ނިޔަތެއްގައި ކުރައްވައިފައިވާ ކަމެއް ނޫންކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އާތިފު ވަނީ އޭނާ އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށާއި، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި އާތިފު ހުންނެވި މުއްދަތުން ބޭރުންވެސް މަނީ ލޯންޑާ ކުރުން ދިޔައީ ހިނގަމުންނެވެ. އަދި އެކަމުގައި ދިވެހި ބޭންކުގެ ބައެއް މުވައްޒަފުން ބައިވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިހާރު ޚިޔާނާތް ހުންނާނީ ޔާމީން އަށް ސަޕޯޓް ކުރާ މީހުންނަށް ބަހައްޓާފަ އަދީބް މިނިވަން ވީވެސް އެގޮތަށް. އަންނި އެޅުވި ތަޅު، ހުކުމް ތަކާއެކު މިނިވަންވީ އެހެންވެ ވިސްނާ ފިކުރު ކޮށްބަލަ