ނޭޕާލް، އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި އެގައުމުތަކުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާ، އެތައް މިލިއަން ބައެއްގެ އަމިއްލަ ގެދޮރު ގެއްލިއްޖެއެވެ.

ގަދަ ވިއްސާރައާއި ގުޅިގެން ހިނގި ފެންބޮޑުވުމާ ބިންގަނޑު ކަނޑައިގެން ދިއުމާ ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނޭޕާލުންނެވެ. ގަދަ ވިއްސާރައާއި ގުޅުން ހުރި ހާދިސާތަކުގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 30 އަށް ވުރެ މައްޗަށް އަރައެވެ.

ނޭޕާލް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ވިއްސާރަ ތުނިކޮށްލި ނަމަވެސް، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ.

އިންޑިއާއަށް ބަލާއިރު ގަދަ ވިއްސާރައިގެ ސަބަބުން 4 ބުރީގެ އިމާރާތެއް ވެއްޓި 14 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާ އަސްކަރިއްޔާގެ 13 މީހަކުވެސް ހިމެނެއެވެ. މި ހާދިސާގައި މަރުވި މީހުންނަކީ އެ އިމާރާތުގައި އޮތް ޕާޓީ އަކަށް ގޮސް ތިބި މީހުން ކަމަށް ބެލެވެއެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިން 18 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ގިނަ އަދަދެއްގެ ގެތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައި ވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވިއްސާރައާއި ގުޅުންހުރި އެކި ހާދިސާތަކުގައި ބަންގްލަދޭޝް އިން މަރުވި މީހުންގެ އަދަދު 29 އަށް އަރައެވެ.

ބޯކޮށް ވާރޭވެހި ފާހާނާތަކުގައި ފެންބޮޑުވެފައި އޮތުމުގެ ސަބަބުން، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ބިރުވެރިކަން ރެފިއުޖީންގެ މެދުގައި ބޮޑުވެފައި ވާކަމަށް ޚަބަރު ލިބެއެވެ.