ހިޔާ ފްލެޓް ތަކަކީ ކޮތަރު ކޮށި ނަމަ، މާލޭގައި ހުރި އެޕާޓްމަންޓް ތަކަކީ ޕިޖަން ހޯލް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ހިޔާ ފްލެޓް ތަކަކީ ކޮތަރު ކޮށްޓޭ ކިޔާފައި އެއްގޮތަކަށްވެސް ޝަކުވާ ކުރާނެ ޖާގަ ނެތް ކަމަށެވެ. މާލޭގައި ބޯހިޔާވަހިކަމެއް ނެތި، ހާލުގައި ދިރިއުޅޭ މީހުން ތިބިކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ވާހަކަ ދައްކާ އިރު، މާލޭގައި އެންމެ ހާލުގައި އުޅޭ މީހުން އުޅެނީ 500 އަކަފޫޓުގެ އެޕާޓްމަންޓް ތަކުގައި ނޫން ކަމަށެވެ.

ހިޔާ ފްލެޓް ތަކުުގެ ސައިޒުގައި 550 އަކަފޫޓު ހުންނަ އިރު، އެ ފްލެޓްތައް ރައްޔިތުންނަށް ދޫކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ހަމަޖެއްސީ 6600 ރުފިޔާ އަށެވެ. އެއީ ކުއްޔަށް 5600 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް 1000 ރުފިޔާ ނަގާ ގޮތަށެވެ. ނަމަވެސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ފަހުން ބުނެފައި ވަނީ، އެ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓް ތަކުގެ ފިނިޝިން ޗާޖު ނުލައި ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމަނައިގެން އެ ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އެއީ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު 11،000 ރުފިޔާ ޖެހޭ ވަރުގެ ބޮޑު އަދަދެކެވެ.

ހިޔާ ފްލެޓް ޓަވަރުތައް

ރައީސް ޔާމީން ވިދާޅުވީ، ދިވެހިން ބޯހިޔާވަހިކަން ނެތިގެން އުޅޭ އިރު، ރައްޔިތުންނަށް އެފޯޑަބަލް އަގެއްގައި އެ ހިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން، 15000 ރުފިޔާއަށް އެޕާޓްމަންޓެއް ދީގެން އެންމެ އާދާއިގެ މީހުންނަށް އެފޯޑް ނުކުރެވޭނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފްލެޓްތައް އެޅީ ދެ ކެޓަގަރީ އަކަށް ބަހާލައިގެން ކަމަށާއި، އެއީ އަލަތު ކާވެނި ކުރާ މީހުންގެ ކެޓެގަރީ އަކާއި ކުދި އާއިލާތަކަށް ހާއްސަ ކެޓަގަރީއެއް ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އަގު ބޮޑުވެގެން ދިޔައީ، އެ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓް ތަކުގެ ފިނިޝިން ޗާޖު ނުލާ ކަމަށް އެޗްސީޑީން ބުނުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ ޗާޖުތައް ލާން ނުޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި އެޅީ ބޭސިކް ފްލެޓްތައް ކަމަށާއި، ސަރުކާރުން ތަށިމުށި ޖަހާފައި ހުއްޓަސް ގިނަ ބަޔަކު އެ ބަދަލު ކުރާނެ ކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ، މުށި ނުޖަހާ ދިނުމުން އެތަނަށް ވަންނަ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށް މުށި ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަނެއްކާ ކޮތަރު ކޮށިހެން ހުރި ތަނެއް ވިއްޔާ ޖަހަން ޖެހޭ ޓައިލް ކޮޅު ކުޑަވާނެ ނުން.
ރައީސް ޔާމީން

މަޖާޒީ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ ކޮތަރު ކޮށިހެން ހުރި ތަނެއްގައި ޖަހަން ޖެހޭ ޓައިލް ކޮޅު މަދުވާނެ ކަމަށެވެ.

ނަމަވެސް ތަނެއްގައި ތަށިމުށި ޖަހައިގެން ތަނެއްގެ ކުލި 5600، އިން 12000 އަށް ނުވަތަ 15000 އަށް އަރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެތާނގައި ހުރި ލިފްޓުގެ އަދަދު މަދުވެގެން ރައްޔިތުން ކުރާ ޝަކުވާ އަށް އެމަނުކުފާނު ވިދާޅުވީ، ހިޔާ މަޝްރޫއު ހިންގީ ހަތް ހަފްތާ ނުވަތަ ނުވަ ހަފްތާ ތެރޭ ބިން ހިއްކައިގެން، ބިންގަނޑު ހަމަނުޖެހެނީސް އެތަން ކޮނެ، ވަރަށް އަޑިއަށް ޝީޓް ޕައިލް ކޮށްގެން ވަރަށް ވަރުގަދައަށް ކަމަށާ އެތާ ހުރި ލިފްޓުތަކާ އެކުވެސް އެތަނަށް މީހުން ވަންނާނެ ކަމަށެވެ.

"7000 ހައުސިން ޔުނިޓް ހަދާފައި އެވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި, އެއީ ވަރަށް ބޮޑު ކުރިއެރުމެއް" ޔާމީނު ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އޮތްނަމަ، ޖުލައި އެއްވަނަ ދުވަހު އެތަނަށް މީހުން ވަދެ ތިބޭނެ ކަމަށެވެ.