އެފިލްމެއް ބަލާލުމުގެ އިންތިޒާތުގައި ގިނަ ބަޔަކު ކެތްމަދުވެފައި ތިބި "ދަ ލަޔަން ކިންގް" ކާޓޫންގެ އެނިމޭޓަޑް ފިލްމަކީ އުއްމީދު ކުރި ވަރުގެ ފިލްމެއް ނޫންކަމަށް އާލީ ރިވިއުޒްގެ ގޮތުގައި މި ފިލްމު ބެލި ބައެއް ފާޑުކިއުންތެރިން ބުނެފިއެވެ.

ފިލްމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި "ދަ ލަޔަން ކިންގް"ގެ އެނިމޭޓަޑް ފިލްމަކީ އޭގެ މަންޒަރުތަކަށް ބަލާއިރު ތައުރީފު ހައްގު ފިލްމެއް ކަމަށާއި، ނަމަވެސް ވާހަކަ ގެނެސްދީފައިވާ ގޮތާ، ކެރެކްޓާ ބިލްޑްކޮށްފައިވާ ގޮތާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރި ފިލްމެކެވެ.

ވޯލްޓް ޑިޒްނީގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ވާޗުއަލް ރިއާލިޓީއާއި ލައިވް އެކްޝަން އަދި ޑިޖިޓަލް އިމޭޖަރީ ގުޅާލަދީފައިވާ ރީތި މިސާލެއް ނަމަވެސް، މި ފިލްމުގެ އޮއްޓަރަށް ބަލާއިރު އެއްވެސް ވަރެއްގެ ސަޕްރައިޒެއް ނެތްކަމަށް މިހާތަނަށް މި ފިލްމު ބެލި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ދަ ލަޔަން ކިންގް" އެނިމޭޓަޑް ފިލްމަށް އަޑުއަޅާދީފައިވާ ފަންނާނުންގެ ތެރޭގައި ބިޔޮންސޭއާއި ޑޮނާލްޑް ގްލޯވާ ފާހަގަކޮށްލެވޭއިރު، މި ތަރިން ޑެލިވާ ކޮށްދީފައިވާ ޑައެލޮގްތަކަކީ، 1994 ވަނަ އަހަރުގެ ކާޓޫން ފިލްމުގައިވެސް ބޭނުންކުރި ޑައެލޮގްތައް ކަމަށް މައުލޫމާތު ލިބެއެވެ. ހަމަ އެހެންމެ، ފަހުގެ ފިލްމަކީ "ޝޮޓަކަށް ޝޮޓެއް"ގެ އުސޫލުން ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ވެސް ޚަބަރު ލިބެއެވެ.

"ދަ ލަޔަން ކިންގް" އެނިމޭޓަޑް ފިލްމުގެ ހިންދީ ވާޝަންއެއްވެސް ނެރެން ހަމަޖެހިފައިވާއިރު، ޝާހްރުކް ހާން އާއި އޭނާގެ ދަރިފުޅު އާރްޔަންގެ މަސައްކަތްތައް މި ފިލްމުން ފެނިގެންދާނެއެވެ.

މި ވާޝަން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވާ ހުކުރު ދުވަހުއެވެ.