ޕީޕީއެމްގެ ލީޑާޝިޕްގެ ފުރުސަތަކީ ތަބަބަކަށް ލާފައި ދޭ އެއްޗެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕަކީ އެމަނިކުފާނު ވަކި މީހަކަށް ދެއްވާ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދި ލީޑާޝިޕް ދޭނީ ކާކަށްތޯ ނިންމަނީ އެޕާޓީގެ މެންބަރުން ކަމަށާއި އެކަން ކުރަނީ އާންމު މެންބަރުންގެ ކޮންގްރެސް އިން ކަމަށެވެ.

ރައީސް ޔާމީނުގެ މިވާހަކަފުޅަކީ، ދާދި ފަހުން ޕީޕީއެމްގެ ލީޑާޝިޕް ބޭނުންފުޅުވެގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާފައި ވާ ވާހަކައާ ގުޅިގެން 'ދަޕްރެސް' އިން ކުރި ސުވާލަށް ދެއްވި ޖަވާބެވެ.

"މި ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލައްވަން ބޭނުންވާ ބޭފުޅަކަށް އެ ފުރުސަތު އޮންނާނެ، އެ ބޭފުޅަކު ލީޑާޝިޕަށް ކުރިމަތިލައްވައި އެބޭފުޅުންގެ މަސައްކަތް ޕާޓީގައި ޝާމިލްކޮށް ދައްކަވަން ވީ" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ ފަހި ފުރުސަތު ލިބެނީ ޕީޕީއެމް އަދި ޕީއެންސީން ކަމަށް ވާނަމަ، ޕީޕީއެމް، ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަންވީ ކަމަށެވެ. އަދި އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަ ކަމަށާއި، އެ ޕާޓީން ޕްރައިމަރީއެއް ބާއްވާ އިރު، ޕާޓީއަށް ވަދެ ކުރިމަތި ލާންވީ ކަމަށެވެ.

ކިރިޔާ އުނދަގުލެއް ވާއިރަށް، އޮޑިން ފުއްމާލައިގެން ބޭރަށް ގޮސްފަ، އަނެއްކާ ފަހިވާއިރަށް މިއަށް އަރާފަ، މިއީ އެއް ނޫން މިކަން އޮންނަން ޖެހޭ ގޮތަކީ
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ކިރިޔާ އުނދަގުލެއް ވާއިރަށް، އޮޑިން ފުއްމާލައިފައި އަނެއްކާ ފަހި ވާއިރަށް އަރުމަކީ ކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށާ، ޕާޓީއަށް ވަދެ މަސައްކަތް ކުރަން ވީ ކަމަށެވެ. އަދި ލީޑާޝިޕަށް ކުރިމަތި ލަނީ ހަމައެކަނި ރައީސް ކަން ހޯދުމަށް ނޫން ކަމަށާއި، އެމަނިކުފާނު ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕާޓީގެ ރައީސްކަން ލިބިވަޑައިގެން ނޫން ކަމަށެވެ.

ޕީޕީއެމްއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅުންގެ ތެރޭގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާހަގަ ކުރެވެއެވެ.

"ދަޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވެފައި ވަނީ ޕީޕީއެމާއި ގުޅިވަޑައިގަންނަވަން ރައީސް ޔާމީނަށް ހުށަހަޅުއްވާފައި ވާކަމަށާއި، ޕާޓީއާ ގުޅިވަޑައިގަންނަވާނީ ރައީސްކަން އޭނާއަށް ލިބިވަޑައިގަންނަވާ ނަމަ ކަމަށެވެ.

އުމަރު ވިދާޅުވީ އެއްވެސް ގޮތަކަށް ތަބަކަކަށް ލާފައި ޕީޕީއެމްގެ ރައީސްކަން ދެއްވަން ވިދާޅު ނުވާނެ ކަމަށާ, އެމަގާމަށް ވަޑައިގަންނަން ބޭނުންފުޅު ވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވަޑައިގެން ކަމަށެވެ.

"އިންތިހާބަށް ހުޅުވާލީމަ އިންތިހާބުގައި ކުރިމަތިލައި ކާމިޔާބު ކުރާނަން" އުމަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމާއެކު އެޕާޓީއަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އޭގެ ކުރިން ޕީޕިއެމަށް ސޮއި ނުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ޕީޕީއެމާ ޖަމީލް ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން މިހާތަނަށް މީޑިއާގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.