އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް-ޕީއެންސީން ރައީސް ޔާމީނާއެކު ނުކުންނަން ނިންމައިފިއެވެ.
ޕީޕީއެމް-ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަތޮޅުތަކު ތެރޭގައި ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ޕާޓީގެ ލިޑާޝިޕުން ނިންމަވާ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. އަތޮޅަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުތަކަކީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފެށުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ އިތުރު މަސައްކަތް ކުރިޔަށް އޮތްތަނުގައި ވެސް ފެނިގެން ދާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކޯލިޝަނުން ކުރިޔަށް ދާނެ ގޮތްތަކާ މެދު ބޮޑެތި ރޭވުންތަކެއް ރާވަމުން ގެންދަވާ ކަމަށާއި ބޮޑަށް ފޯކަސް އޮތީ އަތޮޅުތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުމަށް ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތައް އެންމެ ބާރަށް ކުރިއަށް ގެންދާނީ މާލޭގައި ނޫން ކަމަށާއި އެ ހަރަކާތްތައް ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ކަން ޝުޖާއު ފާހަގަ ކުރެއްވިއެވެ. އަދި މިސަރުކާރުން ކުރާ ކޮންމެ ކަމެއް ބައްލަވަން ނުތިއްބަވާނެ ކަމަށާއި މުޒާހަރާ ކުރައްވަން ޖެހިވަޑައިގެންފި ހާލަތެއްގައި މަގުމައްޗަށް ވެސް ނިކުންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ރެލީތަކުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމުން ސަރުކާރަށް ވަރަށް ޕްރެޝަރު ކުރާ ކަމަށެވެ. އެއީ އެ މަނިކުފާނުގެ ތަރައްގީއާ މި ސަރުކާރަށް އެއް ހަމަ ނުކުރެވޭނެ ކަން އެނގޭތީ ކަމަށާާއި އެހެން ކަމުން ވީހާވެސް އަވަހަށް ރައީސް ޔާމީންގެ ޝަރީއަތް ފަށަން މަސައްކަތް ކުރާ ކަމަށެވެ.