ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ދެ މެންބަރަކު ޑީއާރުޕީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޖާބިރު ވަނީ "ދަ ޕްރެސް" އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ޖާބިރު ވިދާޅުވީ އޭނާއާއެކު މަޖިލީހުގެ އެހެން ދެ މެންބަރަކު ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ނަމަވެސް ޖާބިރާއެކު ދެން ޑީއާރުޕީއަށް ސޮއިކުރައްވަނީ ކޮން ދެ މެންބަރެއް ކަމެއް ޖާބިރު ވިދާޅެއް ނުވެއެވެ.
"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޖާބިރު އެ ޕާޓީއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ ދެފަރާތުން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ޕާޓީއާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކާފައިވާ ކަމަށާއި، ޑީއާރްޕީގެ އަހަރީ ދުވަހު ޖާބިރާއި މަޖިލީހުގެ ދެމެންބަރަކު ޑީއާރްޕީއަށް ސޮއި ކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކާނަލް ވިދާޅުވީ ޖާބިރާއެކު ސޮއިކުރައްވާ އަނެއް ދެ މެންބަރުންގެ މައުލޫމާތު ހާމަ ކުރައްވާނީ އަހަރީ ދުވަހު ބާއްވާ ހަފްލާގައި ކަމަށެވެ.
ކާނަލް ވިދާޅުވީ ޕާޓީގެ ކޮންގްރެސް މި އަހަރު ތެރޭ ބާއްވާނެ ކަމަށާއި، އޭގެ ކުރިން ޖާބިރު ލީޑާޝިޕްގައި ވަގުތީގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕާލަމެންޓްރީ ގްރޫއްޕުގެ ލީޑަރުކަމަށް ވެސް އަސާސީ ގަވާއިދު ބުނާގޮތުން ޖާބިރު އައްޔަން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ޑީއާރުޕީގެ 3 މެންބަރަކު މަޖިލީހުގައި ތަމްސީލްކުރަން ފެށި ޕާޓީ ހިނގައިގަތުމުން، ޕާޓީން ދެން މަސައްކަތް ކުރާނީ ސަރުކާރާ އެއްކޮޅަށްތޯ ނުވަތަ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ތޯ ނިންމާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް މިވަގުތު މިތިބީ ސަރުކާއެއްކޮޅަށް ނުވަތަ ދެކޮޅަށް ވެސް ނޫން ކަމަށެވެ. ނަމަވެސް ޑީއާރުޕީ އަކީ އޮޕޮޒިޝަން ޕާޓީއެއް ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކާނަލް ވިދާޅުވިއެވެ.