އޭނާ އަކީ ސިކުނޑީގައި ހުރި ޓިއުމަރެއްގެ ސަބަބުން ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަމުން އަންނަ މީހެއް ކަމަށާ، މަރުވެ ދިއުމުގެ ކުރިން، އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދާ، އެ ފިލްމު ބަލާލުމަކީ ކުރަމުން އައި އުއްމީދެއް ކަމަށް، އިންޑިއާގެ ސިނަމާތަކުގައި މިއަދު ރިލީޒް ކުރި "ސުޕާ 30" ފިލްމު އެމީހެއްގެ މައްޗަށް ބިނާކޮށްފައިވާ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރު ބުނެފިއެވެ.

ފިލްމް "ސުޕާ 30"ގައި އާނަންދު ކުމާރުގެ ރޯލު އަދާކުރަނީ ބޮލީވުޑްގެ ތަޖުރިބާކާރު ބަތޮލް، ރިތިކް ރޯޝަންއެވެ.

އާނަންދު ކުމާރުގެ ބަލީގެ ފެށުން އައިކަން އެނގުނީ، ކަންފަތަށް އަޑުއިވުމުގައި މައްސަލަތަކެއް ފާހަގަވީ ހިސާބުން ދެތިން ހޮސްޕިޓަލަކުން ފަރުވާ ހޯދުމުގެ ތެރޭގައި، 2014 ވަނަ އަހަރުއެވެ. މައްސަލައަކީ ކަންފަތް ނޫންކަމަށާ، ނަމަވެސް އޭނާގެ ކަންފަތާ ސިކުނޑި ގުޅުވާދޭ ނާރުގައި ޓިއުމަރެއް އުފެދިފައިވާކަން ޑޮކްޓަރުން އޭނާ ގާތު ބުނި ކަމަށް އާންދު ކިއާދިނެވެ.

އާނަންދު ކުމާރު ބުނި ގޮތުގައި އޭނާ މިހާރުވެސް ދަނީ މި ބައްޔަށް ބޭސްކުރަމުންނެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާނަންދު ކުމާރު ބުނީ މި ފިލްމަކީ އެންމެ ފުރިހަމަ ފިލްމުކަމުގައި ހެދުމަށް އޭނާ 13 ވަރަކަށް ފަހަރު ސްކްރިޕްޓްވެސް ކިޔާފައިވާނެ ކަމަށެވެ. އަދި ރިތިކް ނޫން މީހަކަށް އެންމެ ފުރިހަމަ ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވުނީސް ކަމަށްވެސް އާނަންދު ކުމާރު ވަނީ ބުނެފައެވެ.

ފިލްމަށް ތައްޔާރުވި ދުވަސްވަރު ރިތިކްއާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރެވުނު ކަމަށާ، އޭނާގެ ދިރިއުޅުމާ ބެހޭ ގިނަ ވާހަކަތަކެއް ރިތިކްއާއި ހިއްސާކުރެވިފައިވާނެ ކަމަށްވެސް އާނަންދު ކުމާރު ބުނެއެވެ.

އާނަންދު ކުމާރަކީ އިންޑިއާއަށް މަޝްހޫރު ހިސާބު އިލްމުވެރިއެކެވެ. އާންމުންގެ މެދުގައި އޭނާ މަގުބޫލުވާން ފެށީ، މާލީ ގޮތުން ތަނަވަސްކަން ނެތް ކުދިންނަށް ހާއްސަކޮށްގެން 2002 ވަނަ އަހަރު ހިންގަން ފެށި ސުޕާ ތާޓީ ޕްރޮގްރާމާއެކުގައެވެ. މި ޕްރޮގްރާމަކީ އިންޑިއަން އިންސްޓިޓިއުޓްސް އޮފް ޓެކްނޮލޮޖީއަށް ވަނުމަށް ކޮންމެހެންވެސް ބޭނުންވާ އިމްތިހާނަކަށް ކުދިން ތަމްރީނުކޮށްދޭ ޕްރޮގްރާމެކެވެ.