އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާ ހުއްޓުވުމަށް އެގައުމުގެ ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެ، ސަރުކާރުގެ މައްޗަށް އިތުރުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން ސްރީލަންކާގެ ސަރުކާރު ސަލާމަތްވެއްޖެއެވެ.

ދެދުވަހަށް ދެމިގެންދިޔަ ހޫނު ގަދަ ބަހުސްތަކަކަށްފަހު ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމަށް ނެގި ވޯޓުން ސަރުކާރު ސަލާމަތްވީ 119 މެމްބަރުންގެ ތާއީދާއެކުގައެވެ. ސަރުކާރުގެ މައްޗަށް އިތުބާރު ގެއްލިފައިވާކަމަށް ވޯޓު ދީފައިވަނީ 92 މެމްބަރުންނެވެ.

ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ ސަރުކާރާ ދެކޮޅަށް، އިތުރުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ ޖަނާތާ ވިމުކްތީ ޕެރާމޫނާ ޕާޓީ (ޖޭވީޕީ) އިންނެވެ. މި ޕާޓީއަކީ ސަރުކާރަށް ތާއީދުކުރާ ފަޅީގައި އޮތް ޕާޓީއެއް ނަމަވެސް، އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޯޓަށް ވެއްދުމާއެކު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ މި މައްސަލައަށް ތާއީދުކުރައްވާފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތައް ދިނުމުގެ ކުރިން އެކަމުގެ އިންޒާރު އިންޑިއާއިން ސްރީލަންކާއަށް ފޯރުކޮށްދިން ނަމަވެސް، ކަމާ ބެހޭ ފަރާތްތަކާ ޖާސޫސީ މައުލޫމާތު ހިއްސާނުކުރެވި، 250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދިޔައީ ސަރުކާރު ތެރޭގައި އުފެދިފައި އޮތް ދެބަސްވުންތަކެއްގެ ސަބަބުން ކަމަށް ޚުދު ސްރީލަންކާގެ ސަރުކާރުންވެސް ވަނީ އިއުތިރާފުވެފައެވެ.