ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓެއް އިންޑޮނޭޝިއާގެ ޖާވާކަނޑަށް ވެއްޓި، އެއިން ދަތުރުކުރި ހުރިހާ އެންމެން މަރުވި ހާދިސާއާއި ގުޅިގެން ބަދަލު ނުހޯދޭ ގޮތަށް އެ މީހުންގެ އާއިލާތަކަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށް އެމީހުންގެ ވަކީލުން ބުނެފިއެވެ.
އާއިލާތަކުގެ ވަކީލުން ބުނީ ބޮއިންގް ކުންފުނި ގޮވައިގެން ދައުވާ ނުކުރެވޭ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކުރުވާފައިވާކަމަށެވެ.
އެ ހާދިސާގެ ފަހުން ހިނގި ދެ ހާދިސާއެއްގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކުގެ މެމްބަރުން ލައްވާވެސް ބޮއިންގް ކުންފުނިން މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި އެއްބަސްވުންތަކާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް ބޮއިންގް ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުވާފައިވަނީ ކޮންމެވެސް ވަރެއްގެ މާލީ ބަދަލެއް ދިނުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. މި އެއްބަސްވުމުގައި ސޮއިކުރި އާއިލާތަކަށް މާލީ ބަދަލުގެ ގޮތުގައި ލިބެނީ ކޮންމެ އާއިލާއަކަށްވެސް ގާތްގަނޑަކަށް 96000 ޑޮލަރެވެ. ނަމަވެސް އެ އާއިލާތަކަށް މިލިއަނުން ފައިސާގެ ބަދަލު ލިބެންޖެހޭކަމަށް ވަކީލުން ބުނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ބައެއް އާއިލާތަކުންނެވެ.
މިއީ ބޮއިންގްއިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2005 ވަނަ އަހަރާ 2007 ވަނަ އަހަރު ހިނގި ހާދިސާތަކުގައިވެސް ބޮއިންގްއިން މިފަދަ އަމަލުތަކެއް ހިންގާފައިވާއިރު މި 3 ހާދިސާގައިވެސް ބޮއިންގްގެ ފަރާތުން ހަރަކާތުން އިންޝުއަރެންސް ލޯޔަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެއް ފަރާތަކުން ކަމަށް މައުލޫމާތު ލިބެއެވެ.
ކަންމިހެންއޮތްއިރު ބޮއިންގް ކުންފުނިންވަނީ މިދިޔަ އަހަރާ މިއަހަރުގެ ކުރީކޮޅު ބޮއިންގް 737 މެކްސް މޮޑެލްގެ 2 ބޯޓެއް ވެއްޓިގެން ހިނގި ހާދިސާގައި މަރުވެދިޔަ މީހުންނަށް ބަދަލެއްގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މި ފައިސާއަކީ އެމީހުންގެ މައްޗަށް ކިހިނެއް ހަރަދުކުރެވިގެންދާނެ ފައިސާއެއްކަން އަދިވެސް ތަފްސީލުކޮށްދެވިފައިނުވާކަމަށް އާއިލާތަކުން ދަނީ ބުނަމުންނެވެ.