ކޮމަންވެލްތުގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަލުން އަނބުރާ ދިނުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އަވަހަކަށް ކޮށް ނިންމާލުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު ގޮވާލައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިކަމަށް ގޮވާލައްވާފައިވަނީ، ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ 19 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު/ފައިލް ފޮޓޯ: އައިއޭއެންއެސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރުކަން ދޫކޮށްލީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރިޔާސަތަށް އިބްރާހީމް މުޙައްމަދު ސޯލިހު އިންތިހާބު ކުރެވުމާއެކު، ކޮމަންވެލްތުގެ މެމްބަރުކަމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވެއެވެ. ކޮމަންވެލްތުގެ މެމްބަރުކަން އަލުން އަނބުރާ ހޯދުމަކީ، ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހާއްސަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.