ޕާކިސްތާނުގައި މިއަދު 2 ރޭލެއް ޖެހިގެން އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭލު ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ފަރުވާތެރިވެވިފައި ނުވާތީއާއި އެ ތަންތަނަށް ގިނަ ދުވަސްތަކެއް ވެފައިވުމުން ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ފަސެންޖަރުން ގޮވައިގެން ލާހޯރުން ދަތުރުކުރަމުންދިޔަ ރޭލު، މުދާ އުފުލާ ރޭލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި 11 މީހެއްގެ ފުރާޏަ ގެއްލި، އިތުރު އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ޓްވީޓް ކުރައްވަމުން އިމްރާން ވިދާޅުވީ، އެތައް އަހަރެއް ވަންދެން އަޅާނުލެވި ދޫކޮށްލާފައިވާ ރޭލުދަތުރުފަތުރުގެ ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި މިހާރުން މިހާރަށް ފިޔަވަޅު އެޅުއްވުމަށް ރޭލްވޭ މިނިސްޓަރު ޝައިހު ރަޝީދު އަހުމަދަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

ޝައިހު ރަޝީދު ވިދާޅުވީ މިއަދުގެ ހާދިސާ ހިނގާފައިވަނީ މީހަކަށް ހެދުނު ގޯހަކުން ކަމުގައި ބެލެވޭ ކަމަށާ، ދެތިން ދުވަހެއްގެ ތެރޭގައި ތަހުގީގު ނިމޭވަރުވާނެ ކަމަށެވެ. ވަޒީރު ވަނީ މިއަދުގެ ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ މީހުންގެ އާއިލާތަކަށް ބަދަލު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގައި ރޭލުދަތުރުކުރުމަށް ބޭނުންކުރާ ނިޒާމަކީ އިނގިރޭސިންގެ އަޅުވެތިކަމުގެ ދުވަސްވަރު އަޅާފައިވާ ރޭލުދަގަނޑުތަކަކަށްވާއިރު، މި ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރެވިފައެއް ނުވެއެވެ.