ކައިވެނި ނުކޮށް އުޅެތީ، ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް 22 އަހަރުގެ އަންހެނަކަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.

ސ. ހިތަދޫ އަށް ނިސްބަތްވާ މި އަންހެން މީހާގެ މައްޗަށް ފެމިލީ ކޯޓުން އިއްޔެ ހުކުމް ކުރީ، ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށެވެ. މި އަންހެން މީހާ އަށް ހުކުމް ކުރީ، އޭނާގެ އަމިއްލަ ރުހުމުގައި ކައިވެނި ކުރުމަށް ހުވަދު އަތޮޅުގެ ރަށަކަށް ގޮސް އުޅެނިކޮށެވެ. އޭނާ ދީފައިވާ ބަޔާނުގައި ވާގޮތުން، އޭނާ އެރަށަށް ދިއައީ އާއިލާއަށް ފިލައިގެނެއް ނޫނެވެ. އަދި އެރަށަށް ގޮސް، އޭނާގެ މަންމަ އަށް އޭނާ ހުރިތަން އަންގާފައިވާ ކަމަށް މި އަންހެން މީހާގެ ބަޔާނުން އެނގެއެވެ.

މި އަންހެން މީހާގެ މައްޗަށް ކޯޓުން ހުކުމް ކުރީ، އާއިލާއަށް ފިލައިގެން އެހެން ރަށެއްގައި ދިރިއުޅޭ ކަމަށް ބުނެ، އޭނާގެ ބައްޕަގެ ވިލާޔަތުގެ ދަށަށް ގެނައުމަށް އެދި އޭނާގެ ބައްޕަ ހުށަހެޅުމާއި ގުޅިގެންނެވެ. މި އަންހެން މީހާގެ ބައްޕަ ބުނާގޮތުގައި، މި އަންހެން މީހާ އޭނާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުން ވަނީ، މި އަންހެން މީހާ ކައިވެނި ނުކޮށް ހުރުމުން އޭނާގެ ބެލުމުގެ ދަށުގައި ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި މިގޮތަށް އަމިއްލައަށް ދިރިިއުޅެން ދޫކޮށްފައި ހުރުމުން، މި އަންހެން މީހާއަށް ވެދާނެ ގޮތަކާމެދު ބިރުގަނެ ޖެހިލުން ވާކަމަށް އޭނާއަށް ފެންނާތީ ކަމަށް ވެސް މި އަންހެން މީހާގެ ބައްޕަ ބުނެއެވެ.

މި އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައަށް އިތުބާރު ނުކުރާތީ ބައްޕަގެ ބެލުމުގެ ދަށުގައި ހުންނަން ބޭނުމެއް ނުވެއެވެ. ނަމަވެސް ޝަރީއަތުން ވަނީ އޭނާގެ ބައްޕަގެ ކިޔަމަނުން ބޭރުން އެހެން ރަށެއްގައި މި އަންހެން މީހާ އުޅެނީ މަގުބޫލު ސަބަބެއް އޮވެގެންކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތް ކަމަށް ނިންމާފައެވެ.

ފެމިލީ ކޯޓުން މި އަންހެން މީހާގެ މައްޗަށް ހުކުމް ކުރުމަށް ނިންމީ، ގާނޫނުގައި ފަރުދުންނަށް ލިބިފައިވާ ހައްގުތަކަކީ އެއްވެސް ގައިދެއް ނެތި މުތުލަގު ގޮތެއްގައި ލިބިދީފައިވާ ހައްގުތަކެއް ނޫން ކަމަށް ވާތީއެވެ. އަދި މި ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އަސާސެއްގެ ގޮތުގައި ބެލެވެނީ އިސްލާމް ދީނުގެ އަސްލުތައް ކަމަށް ފެމިލީ ކޯޓުގެ ހުކުމުގައިވެއެވެ. އިސްލާމް ދީނުގައިވާ ގޮތުން، އަންހެން ކުއްޖަކު ކައިވެނި ނުކުރާހާ ހިނދަކު އޭނާގެ މައްޗަށް އެންމެ އިސްވެގެން ވަނީ އޭނާގެ ބައްޕައެވެ.

ފެމިލީ ކޯޓުން މި ގަޒިއްޒާ ބަލައިގަނެ ނިޔާ ކަނޑައަޅާފައި ވަނީ އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުކަން ވަނީ އެނގިފައެވެ.