ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ މިއަދު ހަވީރު 5:25 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ބަގީޗާ ހިގުމުގައި ޖާހު އިންވެސްޓްމެންޓު ޕުރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް މީހެއްގެ ބޮލަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި މި ހާސިދާގައި އަނިޔާވީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކަށެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.

މި އިމާރާތަކީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިން އެ އިމާރާތުގައި ބޭނުން ކުރި ލިފްޓް ކަނޑައިގެން ވެއްޓުމުގެ ސަބަބުން ބިދޭސީއަކަށް އަނިޔާވި އިމާރާތެވެ. ފުލުހުން އެއިރު ބުނެފައިވަނީ ޖާހް އިންވެސްޓްމަންޓް އިން ހުޅުމާލޭ ސެންޓްރަލް ޕާކު ދެކުނު ފަރާތުގައި ހަދަމުން ދާ އިމާރާތެއްގައި ބޭނުން ކުރަމުން ދިޔަ ލިފްޓް ވެއްޓިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގީ، ހަތް ވަނަ ފަންގިފިލާ އިން އެއްޗެހި ތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން އިމާރާތް ކުރަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މިއަދު މީހަކު މަރުވެފައިވާ އިރު، މިދިޔަ އަހަރު ފަހުކޮޅު ޗުއްޓީ ހޭދަކޮށްލަން މާލެއައިސް އުޅުނު 8 އަހަރުގެ ޖީއާން ރައުޝަން ނަމަކަށް ކިޔާ ކުޑަކުއްޖެއްގެ ބޮލަށް ވެސް ސިމެންތި ބަސްތާއެއް ވެއްޓި އެ ކުއްޖާވަނީ މަރުވެފައެވެ.