މިއަހަރުގެ ފުރަތަމަ 6 ދުވަސް ނިމިގެން ދިޔައިރު ޔޫޓިއުބް ފޭނުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ ލެޓިން ޕޮޕް ޖޮންރޯގެ ލަވަތަކަށް ކަން ހާމަވެއްޖެއެވެ.

އަހަރުގެ މިހާ ހިސާބަށް އައިއިރު އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯ ލަވަތަކުގެ ޗާޓުން މިކަމަށް ހެކި ލިބެއެވެ.

ޔޫޓިއުބް މެދުވެރިކޮށް އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯ ލަވަތަކުގެ ޗާޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ ޑެޑީ ޔެންކީ އާއި ސްނޯގެ "ކޮން ކާމާ"އެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރި މި ލަވައަށް މިހާތަނަށް 1.16 ބިލިއަން ވިއުޒްވަނީ ލިބިފައެވެ.

ީ ޑެޑީ ޔެންކީ އާއި ސްނޯގެ "ކޮން ކާމާ"ގެ މަންޒަރެއް/ފޮޓޯ: އެޕަލް

ގަދަ 10 އެއްގެ ލިސްޓަށް ބަލާއިރު އިންޑިއާއިން އުފެއްދި 2 ލަވައެއްވެސް މި ލިސްޓުގައި ވަނީ ހިމެނިފައެވެ. އެއީ 558 މިލިއަން ވިއުޒްއާއިއެކު 3 ވަނާގައި އޮތް "ރައުޑީ ބޭބީ" އާއި 412 މިލިއަން ވިއުޒްއާއިއެކު ލިސްޓުގެ 9 ވަނަ ކަށަވަރުކުރި "ވާސުތޭ ސޯންގް"އެވެ.

2019 ވަނަ އަހަރަށް ފެށުމުގެ ކުރިންވެސް ޔޫޓިއުބްގައި ރިލީޒްކޮށްފައިވާ ވީޑިއޯ ލަވަތަކަށް ބަލާއިރު އަދިވެސް އެންމެ ކުރީގައި އޮތީ ލުއީ ފޮންސީގެ "ޑެސްޕަސީތޯ"އެވެ. 2017 ވަނަ އަހަރު ރިލީޒްކުރި މިލަވަ، މި މަގާމަށް އައިސްފައިވަނީ 2 ބިލިއަން ވިއުޒްގެ ލީޑަކާއެކުގައެވެ.