އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުވި ޓެރަރިސްޓް ހަމަލާ ހުއްޓުވުމަށް އެގައުމުގެ ފުލުހުންގެ އިސްވެރިޔާއާއި އަސްކަރިއްޔާގެ އިސް އޮފިޝަލު ފެއިލްވިކަމަށް ބުނެ، އެ ފަރާތްތަކާ ދެކޮޅަށް ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށެހެޅުން ބަލައިގަތުމަށް ސްރީލަންކާގެ ކޯޓަކުން ދެކޮޅު ހަދައިފިއެވެ.

ޕޮލީސް އިންސްޕެކްޓާ ޖެނެރަލް ޕުޖީތު ޖާޔަސުންދަރާއާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހިމާސިރި ފެނާންޑޯ ކޯޓަށް ހާޒިކުރަމުންދަނީ، 258 މީހުންގެ ފުރާނަ ގެއްލިދިޔަ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތައް ދީފައިވަނީ އެ 2 އޮފިޝަލުންގެ އިހުމާލުން ކަމަށް ބުނާ މައްސަލައެއްގައެވެ. މިމައްސަލައާއި ގުޅިގެން މި 2 އޮފިޝަލުން މިވަގުތުވެސް ތިއްބެވީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކުރެވިފައެވެ.

ސްޓޭޓް ޕްރޮސެކިއުޓާ ޑަޕުއްލާ ޑި ލިބޭރާ ވިދާޅުވީ އެ ބޭފުޅުންގެ އިހުމާލުގެ ސަބަބުން، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގައިގެން ގޮސްފައިވާކަމަށާ، އެ ބޭފުޅުންނާ ދެކޮޅަށް އުފުލެންޖެހޭނީ ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާކަމަށެވެ. ނަމަވެސް ވެރިރަށް ކޮޅުނބުގެ މެޖިސްޓްރޭޓް ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅިގެން ލިބުނު އިންޒާރުތަކާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި އެ 2 އޮފިޝަލުން ފިޔަވަޅު އަޅުއްވާފައި ނުވާކަމަށް ބާރުދޭ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ.

މި 2 އޮފިޝަލުންވެސް ޝަރިޔަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނުވާއިރު، 2 ބޭފުޅުންނަށްވެސް 2 ހޮސްޕިޓަލެއްގައި މިވަގުތު ފަރުވާ ދެވެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކަފާލާތުގެ ދަށުން މި 2 އޮފިޝަލުން މިވަގުތު މިނިވަން ކުރެވިފައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ދައުވާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުން ގާތެވެ.

ސްރީލަންކާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ އިންޒާރު، އެ ހަމަލާތަކުގެ ކުރިން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ. ނަމަވެސް، އޭރު ސްރީލަންކާގެ ސަރުކާރުގައި އުފެދިފައި އޮތް ކޯޅުންގަނޑުގެ ސަބަބުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އެޅި، ހަމަލާތައް ހުއްޓުވުމަށް ފެއިލްވީކަމަށް ސްރީލަންކާ ސަރުކާރުގެ އެންމެ އިސްވެރިންވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.