މިނިވަންކަން ގެއްލޭ އެގްރީމަންޓުތައް ބާތިލު ކުރާ ވާހަކަ ދެއްކީމައި ޖޯކަކަށް ނުހެއްދެވުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޝުޖާއު ވިދާޅުވީ، މިނިވަންކަން ގެއްލި، އަޅުވެތިކަމާ ދިމާލަށް ދަތުރުކުރާ އެގްރީމަންޓުތައް ބާތިލު ކުރާ ވާހަކަ އަކީ ޖޯކެއް ނޫން ކަމަށާ އެކަން ކުރައްވާނެ ކަމަށެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސަރުކާރު ބަދަލުވެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން ހަދާ ހުރިހާ އެގްރީމެންޓުތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން މީހުންގެ ފާޑު ކިއުން އަމާޒު ވަމުން ދާތީއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފައެވެ. އެގޮތުން، ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ޒިންމާދާރުކަން ނެތި އެގްރީމަންޓުތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށް އަރާފައި ވާއިރު، ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލައިލުމެއް ނެތި އަނެއްކާވެސް އެގްރީމަންޓުތައް އެފުށް މިފުށަށް ޖައްސަވަން ވިދާޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރު ބަދަލުކުރީ، އެފުށް މިފުށަށް ޖަހަން ވެފައި ހުރި ބޭފުޅަކު ދައްކަވާ ވާހަކަ ރައްޔިތުން އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ. އަދި ފަނޑިޔާރުގެތައް އެފުށް މިފުށަށް ޖަހާ ނިމޭއިރު، ވަގުން ތިބޭނީ ގޮޅިތަކުގައި ކަމަށާއި، އެކަން ވިޔަ ނުދޭން ވަގުން އުޅޭނެ ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ޔައީސް ޔާމީނަށް ނުސީދާ ބަހުގެ ހަމަލާ ދެއްވާފައެވެ.

މީގެ އިތުރުން އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވެސް ވަނީ އެގްރީމަންޓުތައް އެފުށް މިފުށަށް ޖެހުމާ ބެހޭ ގޮތުން، ކުއްލި މައްސަލައެއް ހުށަހަޅާ، އެ މައްސަލައަށް ބަހުސް ކުރައްވާފައެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް ޔާމީން ހައްޔަރު ނުކޮށް، ދޫވެފައި ހުންނަނީ ކީއްވެގެންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުން އޭނާގެ ވިޔަފާރި ފުނޑާލައި، އޭނާއާ އެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެެސް ފުނޑާލާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް އަނިޔާކޮށް، ރާއްޖޭގެ ބައިތުލްމާލަށް ހިޔާނާތްތެރިވެ ވަޑައިގެންނެވި ކަމަށް ތުހުމަތު ކޮށް ރައީސް ޔާމީން ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާ، ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް ހައްދުފަ ހަނައަޅައިގެން ދިޔަ ކަމަށް ޖާބިރު ވިދާޅުވިއެވެ.