އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއީއައިޖީ) ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ސީޝެލްސް އިން ތާއިދުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ބުނީ، 2023 ވަނަ އަހަރުގެ އައިއީއައިޖީ ބޭއްވުމަށް ކުރާ ބިޑަށް ސީޝެލްސްއިން ތާއިދުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި ކުރައްވަމުން ގެންދަވާ ދަތުރެކެވެ. މި ދަތުރަކީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން، މި ދަތުރުފުޅުގައި އެދެބޭފުޅުން ވަނީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، އެ މަނިކުފާނަށް ރައީސް ސޯލިހްގެ ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސް ވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން އަަރުވާފައެވެ. ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ވަޒީރުން ވަނީ ސީޝެލްސްގެ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ވެސް ބައްދަލުކުރައްވާފައެވެ.

ޔޫތް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ކުރައްވަމުން ގެންދަވާ މި ދަތުރުގައި ސީޝެލްސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދެހާސް ތޭވީސްވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާނެ ގައުމެއް ކަނޑަ އަޅާނީ މި މަހު މޮރިޝަސްގައި ފަށާ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތާއި ވީހާވެސް ގާތް ކޮށްފައި ކަމަށް އައިއޯއައިޖީގެ ޑެލިގޭޝަން ޓީމުން ބުނެފައިވެއެވެ. އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ މި ހަރަކާތް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަކަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.