ރައްރިތުންގެ މަޖިލީހުގެ 65 ގޮނޑި ދިނީމަ ވެސް އެމްޑީޕީ މެންބަރުން އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުން "ނުނެއްޓިގެން" ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނަޝީދު ވަނީ، 65 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުން އެމްޑީޕީއަށް ތާއިދު ކޮށްފައި ވަނިކޮށް، މަޖިލީހުގައި ބޭކާރު މަސައްކަތް ކުރަނީ ކީއްވެތޯ އައްސަވައި ސުވާލު އުފައްދާފައެވެ. މުހައްމަދު ވިދާޅުވީ، ބޭކާރު މަސައްކަތް ނުކޮށް މަޖިލީހުން ކުރަންވީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކަމަށެވެ. އޭނާ މި މޭރުމުން ވާހަކަ ދެއްވެކީ، އެގްރިމަންޓްތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ޔާމީނު ވިދާޅުވުމުން ރައީސް ޔާމީނާ ބެހޭ ގޮތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ

މި މައްސަލަ އަށް ބަހުސް ކުރައްވަމުން މުހައްމަދު ވިދާޅުވީ، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުން ވެސް އެމީހުން އަޑުއައްސަވަން ބޭނުންފުޅު ނުވާ، ހިތަށް އޭގެ އަސަރު ކުރާ މައްސަލައެއްގެ ވާހަކަ ދެކެވޭ ނަމަ ހަޅޭއްލައްވާނެ ކަމަށެވެ. މިފަަ މައްސަލައަކަށް މެންބަރުން ނުރުހުން ފާޅުކުރުން މުހައްމަދު ސިފަ ކުރެއްވީ ދޫނި ގޮވާ އަޑުން ގޮވުން ކަމަށެވެ.

ނިޒާމީ ވެސް ވާނެ އެހެން ބަޔަކު މިތާ ވާހަކަ ދެއްކީމަ. ހަޖަމެއް ވެސް ނުވާނެ އެހެން ބަޔަކު. ތިމާމެން ހިތްނޭދޭ ކޮންމެ ވާހަކައެއްވެސް ބުނާއިރު، ހަޅޭއްވެސް ލަވަންވީ، މޭޒުގަވެސް ތަޅަންވީ. އެހެން ކަމެއް ވެސް ކުރަންވީ.
މުހައްމަދު

މުހައްމަދު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ މައްސަލައާ ނުގުޅޭ ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. މިކަމާ ހިތްހަމަޖެހި ވަޑައިނުގެން މުހައްމަދު ވިދާޅުވީ އެމްޑީޕީ މެންބަރުން ނޫން އެހެން މެންބަރަކު ބަހުސް ކުރައްވާ ނަމަ އެ މެންބަރުން ނިޒާމީ ނުކުތާ ވެސް ނަންގަވާނެ ކަމަށެވެ.

މިތާނގަ ހަމަ ދޫނިގޮވާހެން، މޭޒުމަތީގަ ތަޅާ، އެހެން ކަމެއްކޮށް، ރައީސް ޔާމީނަކުން ނެއްޓެން ނޭނގެ، ރައީސް ޔާމީނުން ނެއްޓެން ނޫންތޯ އެއްލައްކައަށް ވުރެ ގިނަ ވޯޓު ދީފަ މިއޮތީ. ގައުމާގެން ކުރިއަށް ދާންވީ ނޫންތޯ.
މުހައްމަދު

މިއަދު މަޖިލީހުގައި ރައީސް ޔާމީނާ ދެކޮޅަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރު ބަދަލުވެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން ހަދާ ހުރިހާ އެގްރީމެންޓުތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވުމާ ގުޅިގެންނެވެ.

މި މައްސަލައަށް އިތުރަށް ބަހުން ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް ޔާމީން ހައްޔަރު ނުކޮށް، ދޫވެފައި ހުންނަނީ ކީއްވެގެންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުން އޭނާގެ ވިޔަފާރި ފުނޑާލައި، އޭނާއާ އެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެެސް ފުނޑާލާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް އަނިޔާކޮށް، ރާއްޖޭގެ ބައިތުލްމާލަށް ހިޔާނާތްތެރިވެވަޑައިގެންނެވި ކަމަށް ތުހުމަތު ކޮށް ރައީސް ޔާމީން ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި، ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް ހައްދުފަހަނައަޅައިގެން ދިޔަ ކަމަށް ޖާބިރު ވިދާޅުވިއެވެ.