ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވެ ގޮސްފައިވާ މީހުންގެ އާއިލާތަކަށް، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް ސައުދު އަމުރު ކުރައްވައިފިއެވެ.

ސައުދީގެ ސަލްމާން ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން، ފަލަސްޠީނުގެ ޝަހީދުންގެ އާއިލާތަކުން 1000 މީހަކަށް، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމީހުން ޙައްޖުގެ އަޅުކަމާ ގުޅޭ ހުރިހާ ޚަރަދެއް ކުރާނީ ސައުދީ އަރަބިއްޔާއިން ކަމަށްވާއިރު، އެމީހުން ސައުދީގައި ތިބޭނީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީގެ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޝައިހު ޢަބްދުލްލަޠީފު އަލް ޝައިހު ވިދާޅުވީ، ރަސްގެފާނުގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް ވީ އެންމެ ހަލުވި ދުވެލީގައި މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަލަސްޠީނުގެ އާއިލާތައް ސައުދީއަށް ގެނައުމުގެ މަސައްކަތް ފުރިހަމަ ކުރެވިގެންދާނީ މިސްރާ އުރުދުންގައި ހުންނަ ސައުދީ އެމްބަސީތައް މެދުވެރިކޮށް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކަށް ސައުދީގެ ސަލްމާން ރަސްގެފާނު ދެއްވި ދައުވަތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް އެމީހުނ ސައުދީއަށް ދަތުރުކުރާނީ ޕްރައިވެޓްކޮށް ޗާޓަރުކޮށްފައިވާ ފްލައިޓްތަކެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.