ކަމުުގެ ހަގީގަތް ސާފު ކޮށްލައްވަން ފޯނު ކޯލަކުން ފުދޭނެ ކަމަށް ޗައިނާގެ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިއަދު މި މޭރުމުން ޓްވީޓް ކުރެއްވީ، ދަރަނީގެ ގޮތުގައި ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ މިންވަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުންނެވެ. ސަފީރު ވިދާޅުވީ، އެއްވެސް ކަހަލަ ޝައްކެއް އުޅޭ ނަމަ، ރަނގަޅު ތަސްވީރު ހޯދާލުމަށް ބޭނުންވަނީ އެންމެ ފޯން ކޯލެއް ކަމަށެވެ.

ސަފީރު ވިދާޅުވީ، ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ މި ވާހަކަފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށެވެ. އަދި ސައްހަ ނޫން ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދެ ގައުމެއްގެ ދެމެދުގައި ވާހަކަ އާއި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ 3.4 ބިލިއަން ޑޮލަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި، އެމްއެމްއޭގެ ހިސާބުތަކާ ހަވާލާދެއްވައި ސަފީރު ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ގައުމުތަކުގެ ދަރަނީގެ ޖުމްލަ އަދަދަކީ 3.21 ބިލިއަން ޑޮލަރު ކަަމަށާއި، އޭގެ ތެރެއިން ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.5 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޗައިނާ ސަފީރު ވަނީ ސިނަމާލެ ބްރިޖް ގާއިމު ކުރުމަށް ހޭދަވި ފައިސާގެ ސައްހަ މައުލޫމާތު ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ތަރައްގީ އަށް ކުރާ ކަންކަމުގައި ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަން ފާހަގަ ކުރައްވަމުން ސަފީރު ވަނީ، ޗައިނާގެ ތަރައްގީގެ 'އެކްސްޕްރެސް ޓްރެއިން' ދިވެހިންނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާ ސަފީރާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުވާން ފަށައިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ހިންގި މަޝަރޫއުތަކަށް ދަރަނީގެ ގޮތުގައި ދިވެހި ސަރުކާރުން ދައްކަން ޖެހޭ އަދަދާ ބެހޭ ގޮތުން ރައީސް ނަޝީދު ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ.