ސްރީލަންކާގެ ބަނދަރުތަކަކީ އެމެރިކާގެ އަސްކަރިއްޔާއަށް މިނިވަންކަމާއެކު ވަދެނިކުމެވެވޭ ބަނދަރުތަކެއް ކަމަށް ހެދުމަށް ބާރުދޭ އަސްކަރީ އެއްބަސްވުން ފާސްކުރުމުގައި ކުރިއަށް ދިއުމުގެ އިޒުނަ، ސްރީލަންކާގެ ސަރުކާރަށް ނުދެއްވާނެކަމަށް ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި ސްރީލަންކާއާއި ދެމެދު މިހާރު މަޝްވަރާކުރެވެމުންދާ ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް ނުވަތަ "ސޯފާ" އެއްބަސްވުމާ އެމަނިކުފާނު ދެކޮޅު ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ދެކުނުގެ ސަރަހައްދެއްގައި ކުރިއަށްދިޔަ ރެލީއެއްގައި ތަގުރީރުކުރައްވަމުން ސިރިސޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް އެއްބަސްވެވަޑައިގެންނެވެން ނުއޮންނާނެ ކަމަށެވެ. އަދި އާހިރުގައި ސްރީލަންކާއަށް ނުރައްކާވާފަ ކިތަންމެ އެއްބަސްވުންތަކެއްގެ މަޝްވަރާތައް މިހާރުވެސް ހިނގަމުންދާކަން ސިރިސޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިމައްސަލައަކީވެސް ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހައާއި ސިރިސޭނާއާއި ދެބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައަކަށް ވަނީ ވެފައެވެ.

"ސޯފާ" އެއްބަސްވުމަކީ، އަސްކަރީ ބާރުތަކާ އަސްކަރީ ބާރުތަކުގެ ކޮންޓްރެކްޓްގެ ދަށުގައި ތިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ބަނދަރުތައް މިނިވަންކަމާއެކު ބޭނުންކުރުމުގެ ބާރުދޭ އެއްބަސްވުމެކެވެ.

އެމެރިކާއިން ސްރީލަންކާގެ ބަނދަރުތަކަށް އަތްގަދަ ކުރުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅަކީ، ތަރައްގީގެ މަޝްރޫއުގެ ނަމުގައި ދެކުނު އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާ ދަނޑިވަޅެކެވެ.