ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުމާލެއާ ގުޅަން އެޅި 300 މިލިއަން ޑޮލަރުގެ ސިނަމާލެ ބުރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށް ރައްޔިތުންގެ މަހިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖީއެމްއާރަކީ ނަޝީދުގެ ވެރި ކަމުގައި، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ. އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޖީއެމްއާރުން 77 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް، މިދިޔަ ސަރުކާރުން އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުން، 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރީ ޗައިނާގެ ސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއެވެ. އެއިރުގެ ސަރުކާރުން ބުނީ އެއީ ބުރިޖު އެޅޭނެ އެންމެ ކުޑަ އަގު ކަމަށެވެ. އަދި ބުރިޖަށް ދިޔަ ހަރަދަކީ ކުޑަ ހަރަދެއް ކަމަށް އެއިރުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް 3.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ ހަރަދުތައް ކުޑަކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ނަޝީދު ވިދާޅުވީ ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އިންޓަރެސްޓުގެ އިތުރުން އެމީހުން ކޮށްދީފައިވާ މަސައްކަތުގެ އަގު ވެސް ބޮޑު ކަމަށެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވަނީ ޗައިނާއާ ވާހަކަ ދައްކަައިގެން ލޯނުތައް ކުޑަކޮށް ޕްރޮޖެކްޓުތައް ހަމައަގަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން މަސައްކަތް ކޮށްފައިވަނީ ބޮޑު އަގުގައި ކަމަށް ވިދާޅުވެ އެކަން އިސްލާހު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.