މަސްތުވާތަކެތީގެ މައްސަލާގައި ދަންޖައްސައިގެން މަރުގެ ހުކުމް އިއްވާފައިވާ 4 މީހެއްގެ ހުކުމް ތަންފީޒު ނުކޮށް އަދި މަޑުކުރުމަށް އެގައުމުގެ ސުޕްރީމު ކޯޓުން އަމުރެއް ނެރެފިއެވެ.

ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުން ސްރީލަންކާއިން ހުއްޓާލާފައި އޮންނަތާ 43 އަހަރު ވެފައި ވާއިރު، ބޮޑެތި ކުށްވެރިން ދަންޖައްސައިގެން މެރުމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އިއުލާނު ކުރެއްވުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް އެ ގައުމަށް އަމާޒުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ މަރުގެ ހުކުމް އިއްވާފައިވާ 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ، މިފަދަ ގޮތަކަށް ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސްރީލަންކާގެ ގާނޫނު އަސާސީއާއި ފުށޫ އަރާ ކަމެއްކަމަށް ބުނެ، އެކުލަވާލާފައިވާ ޕެޓިޝަނަކާ ގުޅިގެން ކަމަށް ބެލެވެއެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަމަށާ، އެހާތަނާ ޖެހެންދެކަށްވެސް، ރައީސް ސިރިސޭނާގެ އޯޑަރު ތަންފީޒު ނުކުރުމަށް ސުޕްރީމު ކޯޓުންވަނީ ސްރީލަންކާގެ ޖަލުތަކަށް އަންގާފައެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ މައްސަލަތަކެއް ސްރީލަންކާގެ ކޯޓުތަކުގައި ހިނގަމުންދާއިރު 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ރިޔާސީ ގަރާރުގައި ސޮއިކުރައްވާފައިވާކަން ސިރިސޭނާ އިއުލާންކުރެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ. އެމީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރާނެ ދުވަހެއް ކަނޑައަޅާފައިވާކަމަށްވެސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ.

ސިރިސޭނާ ވިދާޅުވާ ގޮތުގައި، މަސްތުވާތަކެތީގެ ވަބާޖެހިފައިވާ 200000 މީހުން ސްރީލަންކާގައި އެބަތިއްބެވެ. އަދި ސްރީލަންކާގެ ޖަލުތަކުގައި ތިބި 24000 ގައިދީންގެ ތެރެއިން 60 ޕަސެންޓް ގައިދީންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ތިބި މީހުންކަންވެސް ސިރިސޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ ޕްރިޒަންސް އޮތޯރިޓީއިން މިދިޔަ ހަފުތާ ތެރޭގައިވަނީ، މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުރާނެ 2 މީހަކުވެސް ވަޒީފާއަށް ރެކްރޫޓުކޮށްފައެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ސްރީލަންކާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ޓްރާންސިޓް ހަބެކެވެ.