2020 ވަނަ އަހަރުގެ މާޗް 31 ގެ ނިޔަލަށް ހިނގާ އިންޑިއާގެ މާލީ އަހަރަށް ކަނޑައެޅި ބަޖެޓްގައި، އިންޑިއާ ސާރުކުން ބޭރުގެ ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އެންމެ ބޮޑަށް އިތުރުކުރި ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
އިންޑިއާގެ ޑިމޮކްރަޓިކް ތާރީހުގައިވެސް އެގައުމުގެ މާލީ ވަޒީރަކު ދެއްވި އެންމެ ދިގު ބަޖެޓް ހިތޯބުގައި ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު، އިންޑިއާއިން ބޭރުގެ ގައުމުތަކަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރު ކުރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ދިވެހިރާއްޖެ ވަނީ ޖާގަ ހޯދާފައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މާލީ ވަޒީރު ނިރުމަލާ ސިތާރާމަން އިއުލާންކުރެއްވި ބަޖެޓްގެ ހުލާސާއަށް ބަލާއިރު، އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީގެ މިންވަރު ވަނީ 576 ކްރޯރް ރުޕީޒް (ގާތްގަނޑަކަށް 86.5 މިލިއަން އެމެރިކާ ޑޮލަރު) އަށް އިތުރު ކޮށްފައެވެ. 2018-2019 ވަނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް ހޭދަވި މާލީ އަހަރު، މިއަދަދު އުޅުނީ 440 ކްރޯރް ރުޕީޒް (66.1 މިލިއަން އެމެރިކާ ޑޮލަރު) ގައެވެ.
ނަރޭންދްރާ މޯދީގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގައި ހުށަހެޅުއްވި ބަޖެޓްގައި ދިވެހިރާއްޖެއަށް ކަނޑައެޅި އެހީގެ މިންވަރު އިތުރުކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، 576 ކްރޯރް ރުޕީޒްގެ އެހީވަނީ 2 ގިންތިއަކަށް ބައިކޮށްފައެވެ. އެއީ ގްރާންޓް ނުވަތަ އެހީގެ ގޮތުގައި ފޯރުކޮށްދޭ 400 ކްރޯރް ރުޕީޒް އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ 176 ކްރޯރް ރުޕީޒްގެ ގިންތިއެވެ.
އިންޑިއާއާއި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތައް ހީނަރުވެގެންދިޔަ ދުވަސްތަކަށްފަހު 2018 ވަނަ އަހަރުގެ ފަހުކޮޅު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިބްރާހީމް މުޙައްމަދު ސޯލިހް އިންތިހާބުކުރެވިގެން ދިއުމާއެކު އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުން ވަނީ އަނެއްކާވެސް އާ ދުވެއްޔެއްގައި ބަދަހިވާން ފަށާފައެވެ.
އިންޑިއާއިން ބޭރުގެ ގައުމުތަކަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރި ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ ނޭޕާލްއާއި މޮރިޝަސްއެވެ.
އިންޑިއާގެ އާ ސްޓޭޓްއަށް ހަރަދު ކުރާނެތާ....