އެގްރީމެންޓުތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ވިދާޅުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ސަރުކާރު ބަދަލުވެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން ހަދާ ހުރިހާ އެގްރީމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިމޭރުމުން ވާހަކަ ދެއްކެވެމުން، އެމަނިކުފާނަށް ދަނީ މީހުންގެ ފާޑުކިއުން އަމާޒުވަމުންނެވެ. އެގޮތުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރު ބަދަލުކުރީ، އެފުށް މިފުށަށް ޖަހަން ވެފައި ހުރި ބޭފުޅަކު ދައްކާ ވާހަކަ ރައްޔިތުން އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ. އަދި ފަނޑިޔާރުގެތައް އެފުށް މިފުށަށް ޖަހާ ނިމޭއިރު، ވަގުން ތިބޭނީ ގޮޅިތަކުގައި ކަމަށާއި، އެކަން ވިޔަ ނުދޭން ވަގުން އުޅޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ނަމަވެސް، ޕީޕީއެމް ޖަލްސާ އަށް ބެލީމައި ރައްޔިތުންގެ ވިސްނުން ސާފު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ޒިންމާދާރުކަން ނެތި އެގްރީމަންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށް އަރާފައި ވާއިރު، ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި އަނެއްކާވެސް އެގްރީމަންޓްތައް އެފުށް މިފުށަށް ޖައްސަވަން ވިދާޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެވެ.

ހަރު މުދާ ވިއްކުމާއި އިސްތިގުލާލު ނަގާލުމާ ގުޅޭ ގޮތުން ޔާމީން ވާހަކަ ދެއްކެވުމުން، އެއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އަށް ދަރާފައިވާ 4.2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަން ދައުލަށް ނުކުޅެދުނީމައި، ޕްރޮޖެކްޓް ތަކުން ހިއްސާ ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި މިފަދައިން ޕްރޮޖެކްޓް ތަކުން ހިއްސާ ދީފިނަމަ، ހިއްސާ އާއެކު ގެއްލޭނީ ބިމާއި މިނިވަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ހަރުދަނާ މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކަށް ހުރަސް އެޅުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.