ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ގައުމުގެ އެންމެ ބޮޑު ކުށްވެރިއާކަމަށާއި، އޭނާއަށް މައާފް ނުދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.
ރައީސް ވިދާޅުވީ ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ހާއިނު ކަމަށެވެ. އަދި އޭނާ ގާނޫނީ އިމުގެ ތެރެއިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި، ވަރަށް އަވަހަށް ލުތުފީ ރާއްޖެ ގެނެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްރީލަންކާއާއި ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށާއި، އެއްފަރާތުން އަނެއްފަރާތަށް އަދި އެއް ގައުމުން އަނެއް ގައުމަށް ވަރަށް ގިނަ ކަންތައްތަކެއްގައި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ނަމަވެސް ލުތުފީ ގެނައުމުގައި ގާނޫނާ ހިލާފް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، ލުތުފީ ގެނެވޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް އިރެއްގައި އެމަނިކުފާނާއި ލުތުފީއާއި ދުވަހަކު ވެސް ބައްދަލުވެފައި ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ލުތުފީ އެމްބަސީއަށް ވަނީ މިދޔަ މެއި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. އަދި އެދުވަހުން އެދުވަހަށް ހަބަރު ލިބިވަޑައިގަންނަވާ ކަމަށާއި، އެހިސާބުން މަސައްކަތް ކުރެއްވީ ދިވެހި ސަރުކާރުގެ ބެލުމުގެދަށުގައި ލުތުފީ ބަހައްޓަން ކަމަށެވެ.
ރައީސް ވިދާޅުވީ ލުތުފީ ގެނައުމުގައި އެހީތެރިކަން ދޭނެކަމަށް ލަންކާ ސަރުކާރުން ވިދާޅުވިކަމަށެވެ. އަދި މިއަދާ ހަމައަށްވެސް ލުތުފީ މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރައްވަމުން ކަމަށާއި، އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލުތުފީ ގެނެވެންދެން ދިވެހި ސަރުކާރުން ކަށަވަރު ކުރީ ލުތުފީ ފިލަން ދެވަނަ ފުރުސަތެއް ނުދީ ބެލުމުގެ ދަށުގައި ބަހެއްޓުން ކަމަށެވެ.
ރައީސް ވިދާޅުވީ ލުތުފީ ގެނައުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އިދިކޮޅުން ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި، ލުތުފީ ގެންނަން ލަންކާ ސަރުކާރަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ލުތުފީ ގެނައުމަށް ސަރުކާރުން ހަރަދުކުރަން ޖެހޭނީ އޭނާގެ ޕާސްޕޯޓު ހަދަންދާ ހަރަދާއި ގެނައުން ފަދަ ކަންކަމަށް ދާ ހަރަދު ކަމަށެވެ.