ހައްގު މިންވަރު ހޯދުމަށް ފުވައްމުލައް ސިޓީގެ ރައްޔިތުން ފެށި އިހުތިޖާޖަށް ސަރުކާރުގެ ސަމާލުކަން ލިބިއްޖެއެވެ.

ފުވައްމުލަކު ޒުވާނުންތަކެއް ސޯޝަލް މީޑިއާގައި، "ހައްގު މިންވަރު ހޯދުމަށް" މި ނަމުގައި ފެށި މި އިހުތިޖާޖަކީ، ސަރުކާރުން އެރަށުގެ ތަރައްގީއަށް ކުރުމަށް ވައުދުވެފައިވާ ކަންތައްތަކަށް އިހުމާލުވެފައިވާ ކަމަށް ބުނެ ފެށި އިހުތިޖާޖެކެވެ. އެގޮތުން ރަށުގެ ހާލަތާ މެދު ރަށުގެ މަޖިލިސް މެންބަރުން އަދި ކައުންސިލުން އިހުމާލު ވަމުން އަންނާތީ، އަންނަ ހޯމަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލް ކުރިމަތީ އަޑު އުފުލުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް އެރަށު ރައްޔިތުން ވަނީ ނިންމާފައެވެ.

މި އިހުތިޖާޖާ ބެހޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން، ފުވައްމުލަކު ޒުވާނެއް ކަމަށްވާ ސިމާދު ބުނީ، މި އިހުތިޖާޖު ފެއްޓުމުގެ މައިގަނޑު ސަބަބަކީ ފާއިތުވި ތަނުގައި ފުވައްމުލަކުގެ ތަރައްގީ އަށް އިހުމާލުވެ، މި ސަރުކާރު އައިފަހުން ވެސް ތިން ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރާއްޖޭގެ ތިން ވަނަ ސިޓީ، ސަރުކާރުން އިސްކަމެއް ދީގެން ތަރައްގީ ކުރާ ރަށްތަކުގެ ތެރޭގައި ނުހިމެނުން ކަމަށެވެ. އެގޮތުން، ސިމާދު ބުނީ، ސަރުކާރުން ފުވައްމުލަކަށް އިހުމާލުވެފައިވާ ކަމުގެ އެއް ހެއްކަކީ މިދިޔަ މަހު ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުން އެކި މަޝްރޫއުތަކަށް ފަންޑު ހޯދި އިރު، އެ މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކުގެ މަޝްރޫއެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ދެކޭ ގޮތުގައި ފުވައްމުލައް ތަރައްގީ ވާން ޖެހެނީ އައްޑޫގެ ސަބްޑިވިޝަނެއްގެ ގޮތުގައި ކަމަށާއި، އެއީ ފުވައްމުލަކަށް ހައްގު މިންވަރު ނޫން ކަމަށް ސިމާދު ބުނެއެވެ.

ފުވައްމުލަކު ގޮނޑުދޮށުގެ ރަށް ގިރަމުންދާ ސަރަހައްދު

ސިމާދު ބުނީ، ރަށުގެ ހާލަތު ގޯސްވެފައި އޮތްވާ، ސަރުކާރުން ފުވައްމުލަކަށްވީ ވައުދުތަކުގެ ތެރެއިން ފުރިހަމަވީ ވަރަށް އާދައިގެ ކަންކަން ކަމަށެވެ. އެގޮތުން، ފުވައްމުލަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުން ލަސްވެފައި ވުމަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ރަށުގެ މަގުތައް އެއްވެސް ވަރަކަށް ނެހެދި، އޮތުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ސިމާދު ބުނީ ރަށް ގިރުމުގެ މައްސަލައާ މަގު ހެދުމުގެ މައްސަލައިގެ އިތުރުން ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި ޓުއަރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން، މި ދާއިރާތައް ފުޅާކޮށް، ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލް ސަބްސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ރާވާފައިވީ ނަމަވެސް، ހޮސްޕިޓަލުގައި އެންމެ އާދާއިގެ ވަސީލަތްތައް ވެސް ނެތް ކަން ސިމާދު ފާހަގަކުރިއެވެ.

މިއީ ސިޔާސީ މަގުސަދެއްގައި ކުރި އިހުތިޖާޖެއް ނޫން
އިއްޒަތު
ފުވައްމުލަކު މަގުތަކުގެ ހާލަތު

މި އިހުތިޖާޖުގައި އެންމެ އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ އިއްޒަތު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ރަށުގެ މަގުގެ މައްސަލައަކީ ރަށް އުފެދިފައިވާ ގޮތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ މައްސަލައެއް ކަމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ތެރޭގައި ވެސް ރަށުގެ މަގު ހެދުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނު ކަމަށެވެ. ކުރީ ސަރުކާރުގައި ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ފަށާ، މި ސަރުކާރުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރަމުން އިއްޒަތު ބުނީ، މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ.

އަންނަ ހޯމަ ދުވަހު، ސިޓީ ކައުންސިލް ކުރި މައްޗަށް އެއްވެ، ބޭއްވުމަށް ނިންމާފައިވާ އަޑު އުފުލުމުގެ ހަރަކާތް ވަގުތީ ގޮތުން ވަނީ މަޑު ޖައްސާލާފަ
އިއްޒަތު

އިއްޒަތު ބުނީ، ރަށުގެ ޒުވާނުން ސޯޝަލް މީޑިއާގައި ފެށި މި އިހުތިޖާޖަށް ރަށުގެ މަޖިލިސް މެންބަރުން، ކައުންސިލުން އަދި ސަރުކާރުން ވެސް އެއްބާރުލުން ލިބިފައިވާ ކަމަށެވެ. އެގޮތުން، މި އިހުތިޖާޖު ފެށީ ސަރުކާރުން ފުވައްމުލަކަށް ވައުދުތަކެއްވެ، އެ ވައުދުތައް ފުއްދުމުގައި ސަރުކާރު މަސައްކަތް ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ވަރަށް ވުރެ ލަހުން ކަމަށް ވާތީ، މި މަޝްރޫއުތައް އަވަސް ކުރުމަށް ކަމަށް އިއްޒަތު ބުނެއެވެ. އިއްޒަތު ބުނީ، އަންނަ ހޯމަ ދުވަހު، ސިޓީ ކައުންސިލް ކުރި މައްޗަށް އެއްވެ، ބޭއްވުމަށް ނިންމާފައިވާ އަޑު އުފުލުމުގެ ހަރަކާތް ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށެވެ. އެއީ މަޖިލިސް މެންބަރުންގެ އެއްބާރުލުމާ އެކު މިހާރު އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކޮށް ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ އިތުރުން، ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ އެއްބަސްވުމެއް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް އިއްޒަތު ބުނެއެވެ.

ފުވައްމުލަކު ހެދުމާ ގުޅިގެން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވީ، ރަށުގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށާއި، މި މަޝްރޫއުތައް ލަސްވުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މި ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހާނެ ކަމަށާއި، ރަށުގެ އެތެރޭގެ މަގުތައް ހެދުމަށް ޕްލޭނެއް ހަދާ، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަން ދޮންބެ ފާހަގަ ކުރެއްވިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއާ ބެހޭގޮތުން އެއްބަސްވުމެއް އެކުލަވާލި ވާހަކަ ދަންނަވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، ފުވައްމުލަކުގެ 32 މަގެއް ހެދުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށާއި، އަދި އެއީ 16 ކިލޯ މީޓަރުގެ ދިގު ސަރަހައްދެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކަށް ކޮށްދިނުމަށް ސަރުކާރުން ވައުދުވީ ބައެއް ކަންތައްތައް:

  • ފުވައްމުލަކުގެ ބޮޑެތި މަގުތައް ތާރު އެޅި ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ތަރައްގީ ކުރުން
  • ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރައްޔިތުންނަށް މޫދަށް އެރި އުޅޭނެ ރައްކާތެރި ފަތާ ފެންްގަނޑެއް ތަރައްގީ ކުރުން
  • ފުވައްމުލަކުގައި 1000 ޓުއަރިސްޓް އެނދު، ރަށުގެ ހާއްސަ ސަރަހައްދުތަކުގައި ގާއިމް ކުރުން
  • ފުވައްމުލަކު ހޮސްޕިޓަލް ސަބްސްޕެޝަލިޓީ ހޮސްޕިޓަލަކަށް ހެދުން
  • ފުވައްމުލަކު ސްކޫލްތަކަކީ ވަސީލަތް ފުރިހަމަކުރެވިފައިވާ ކުދިންނާއި ރައްޓެހި މާހައުލަކަށް ހެދޭނެ

ފުވައްމުލަކުގެ މަގުތައް އޮތް ހާލަތުން ސިއްހީ މަރުކަޒަށް މީހުން ގެންދިޔުމުގައި އަދި ސްކޫލަށް ކުދިން ގެންދިޔުމުގައި ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ވިއްސާރަވެ، ވާރޭ ވެހިއްޖެނަމަ، ރަށުގެ މަގުތަކުން ދަތުރު ކުރުމަކީ ރައްޔިތުން ކުރިމަތިލާން ޖެހޭ ބޮޑު ވޭނެއް ފަދަ ކަމެކެވެ. ވިއްސާރަ ނޫން ދުވަސްވަރު ވެސް ފުވައްމުލަކު މަގުތަކުގެ ހާލަތު ވަކ ރަނގަޅެއް ނޫނެވެ. މި މަގުތަކަށް ހައްލު ހޯދުމަށް ކުރިން އައި ސަރުކާރުތަކުން ވެސް ވާހަކަ ދެކެވިފައިވާއިރު، މަގު ހެދުމުގެ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފަށާފައެވެ. ނަމަވެސް، މިއީ ރަށުގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއެވެ. ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުން ވަނީ ރަށުގެ އެތެރޭގެ މަގުތަކަށެވެ.