ސަރުކާރު ހިއްސާވާ ކުންފުނިތަކުން، އަހަރީ ބޯނަސް ދެވޭ އުސޫލަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބަދަލުގެނެސްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ، އަހަރީ ބޯނަސް ދެވޭނީ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކުރުމަށް ފަހު ޑިވިޑެންޑް އެ މިނިސްޓްރީއަށް ދެއްކުމަށްފަހު ކަމަށެވެ. ނުވަތަ ޑިވިޑެންޑް ދެއްކާނެ ގޮތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައުމަށްފަހު ކަމަށް ބުނެފައިވެއެވެ.

މިގޮތުން ހިއްސާދާރަށް ޑިވިޑެންޑް ދެއްކުމަށް ނުވަތަ ހިއްސާދާރު ގެ ފަރާތުން ކުންފުންޏަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ އެ އަދަދަކާއި ޑިވިޑެންޑާއި "ސެޓް-އޮފް" ކުރުމަށް އެއްބަސްވެވިދާނެކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލުގެ ބޭނުމަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމާއި އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށްފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.

އަދި މި އުސޫލުގެ ތެރެއިން ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަގުސަދުތަށް ހާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއްމިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމަކީ ވެސް މި އުސޫލުގެ އެއް ބޭނުމެވެ.

"1 ޖުލައި 2019 އިން ފެށިގެން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭންވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ. އަދި ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާކުރާ ޑިވިޑެންޑްގެ 3 ޕަސެންޓަށްވުރެ ބޮޑު އަދަދަކަށް ވެގެންނުވާނެއެވެ. އަދި ޑިވިޑެންޑް ޑިކްލެއަރ ނުކުރާ ކުންފުނިތަކުން އަހަރީ ބޯނަސް އެއަހަރަކު ނުދިނުމަކީވެސް މި އުސޫލުގެ ބޭނުމެކެވެ."
ފިނޭންސް މިނިސްޓްރީ

މުވައްޒަފުންނަށް ދެވޭ ބޯނަސްގެ ތެރޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި، މި އުސޫލްގެ ބޭނުމަށް ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ދޭ ބޯނަސް މާނަކުރުމުގައި ބައެއް އިނާޔަތްތަކާއި މުސާރައާއި އެލަވެންސް ނުހިމެނޭނެކަމަށް ބުނެފައިވެއެވެ.

އޭގެ ތެރޭގައި ކުންފުންޏެއްގެ މުވައްޒަފުންނަށް ގާނޫނަކުން ދޭންޖެހޭ އިނާޔަތެއް ކަމުގައި ބަޔާންކޮށްފައިވާ އިނާޔަތްތަކާއި، ކޮންމެ މަހަކު މުވައްޒަފުންނަށްދޭ މުސާރައާއި އެލަވެންސްތަކާއި، މުވައްޒަފުންނަށްދޭ އެކިއެކި ރިކޮގްނިޝަން އެވޯޑްތައް އަދި އެވޯޑްތަކާއި ގުޅިގެންދެވޭ އިނާމްތަކާއި، މުވައްޒަފުންގެ ވެލްފެއާ އާއި ގުޅޭގޮތުން ކުންފުނީގައި ގާއިމުކުރެވިފައިވާ އެކިއެކި ވެލްފެއާ ފަންޑް އަދި ސްޓާފް ލޯން ސްކީމް އަދި މުވައްޒަފުންނަށް ދޫކުރެވޭ ކްރެޑިޓް ސްކީމްތަކާއި ފެސިލިޓީތައް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރައާއި އިނާޔަތްތައް ފިޔަވާ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފުންނަށް ދޭ އެހެނިހެން އިނާޔަތްތައް މި އުސޫލުގެ ދަށުން ބެލެވޭނީ ބޯނަސްގެ ގޮތުގައި ކަމަށެވެ.

ބޯނަސް ދެވޭ އުސޫލުގައި ބުނެފައިވަނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނީ އެއަހަރަކަށް ޑިވިޑެންޑްގެ ގޮތުގައި ޑިކްލެއަރ ކުރާ މިންވަރުގެ 3 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ މިންވަރެކެވެ. އެހެން ކަމުން ކުންފުންޏަކުން ޑިވިޑެންޑުގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅައިފި ކަމުގައިވާ ނަމަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނެ މިންވަރުވެސް މި އުސޫލުން ބޮޑުވެގެން ދާނެއެވެ.

އަދި ކުންފުންޏަކުން އެއަހަރަކު ޑިވިޑެންޑް ޑިކްލެއާ ނުކުރާ ކަމުގައިވާ ނަމަ އެއަހަރަކު އެ ކުންފުންޏަކުން ބޯނަސް ދީގެން ނުވާނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ކުންފުނީގެ ކުރީ އަހަރުތަކުގެ ރިޓެއިންޑް އާނިން ހިމެނޭ ގޮތަށް ޑިވިޑެންޓް ޑިކްލެއާ ކުރާ ކަމުގައިވާ ނަމަ ބޯނަސްގެ ތިން ޕަސެންޓް ގުނުމުގައި ބަލާނީ އެ އަހަރުގެ ޖުމްލަ ފައިދާއަށެވެ. އަދި ކުންފުނީގެ ރިޓެއިންޑް އާނިންއިން ޑިކްލެއާކުރާ ޑިވިޑެންޑްއިން މުވައްޒަފުންނަށް ބޯނަސް ދީގެން ނުވާނެ ކަމަށް އާ އުސޫލުގައި ބުނެފައިވެއެވެ.

ބޯނަސްގެ ގޮތުގައި ދޭން ނިންމާ އަދަދު ކަނޑައަޅާނީ ކުންފުނީގެ ބޯޑުން ފާސްކުރުމަށް ފަހު ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އަހަރީ އާންމު ޖަލްސާގައި ބޯނަސްގެ ގޮތުގައި ދޭނެ ޖުމްލަ އަދަދު ކަނޑައެޅިގެންދާނީ އެ ޖަލްސާގައި ފާސްކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށްވުރެ އިތުރު ނުވާނެ މިންވަރަކަށެވެ.

އަދި ކޮންމެ އަހަރެއްގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި، ނުވަތަ އެކަމާއި ގުޅޭ ގޮތުން ނިންމުމެއް ނިންމުމަށްޓަކައި ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއް ބާއްވާނަމަ އެ ޖަލްސާއެއްގެ އެޖެންޑާގައި، ބޯނަސް ދިނުމާއި ގުޅޭ އެޖެންޑާ އައިޓަމް ހިމަނަންވާނެއެވެ. އަދި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ބޯނަސް ދިނުމަށް ނިންމާކަމުގައިވާނަމަ، މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމުން ހޯދަންވާނެކަމަށް ބުނެފައިވެއެވެ.