އާދަޔާ ހިލާފަށް ހޫނުގަދަވެ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މި ހަފުތާ ބަންދުގައި މޫސުމީ ވިއްސާރާ ކުރަން ފަށާނެ ކަމަށް، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

ހަފުތާ ބަންދުގައި މޫސުމީ ވިއްސާރަކުރާނެ ކަމަށް ލަފާކުރި ކަމުގައި ވީ ނަމަވެސް، ދިއްލީގެ ފިނިހޫނުމިން އުޅޭނީ 29 ޑިގްރީއާއި 39 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހޫނު މިނެއްގައި ކަމަށާއި، ވާރޭ ވެހޭނީ ވަރަށް ތުނިކޮށް ކަމަށްވެސް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށް، ހާމަކޮށްފައެވެ.

ދިއްލީގެ ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން، ގުގުރުމުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް، މޫސުން ކުރިއަށް ލަފާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސްކައިމެޓުން ވަނީ ބުނެފައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ، ދިއްލީއަށް އާންމުކޮށް ކުރަން ފަށަނީ ޖޫޏް މަހުގެ ފަހުކޮޅަށް އަޅައިގެން އަންނައިރުގައި ކަމަށް ވީ ނަމަވެސް، މިއަހަރުގެ މޫސުމީ ވިއްސާރައިގެ ފެށުން މިވަނީ ދެހަފުތާއެއްހާ ދުވަސް ލަސްވެފައެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އިންތިހާ ހަނަފަސްކަން ކުރިމަތިވެ، ފެނަށް ޖެހިފައިވާއިރު، އަނެއް ބައި ސަރަހައްދުތަކަށް ގަދައަށް ވިއްސާރަކޮށްގެން ހިނގި ހާދިސާތަކުގައި ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.