ބޮއިންގް 737 މެކްސް މަރުކާގެ ބޯޓުތަކަށް ދިމާވި މައްސަލައާ ގުޅިގެން ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ބޯޓެއް ވެއްޓިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް ބޮއިންގް ކުންފުނިން ހާމަކޮށްފިއެވެ.

ބޮއިންގް ކުންފުނިން ބުނާ ގޮތުގައި، މިއީ ބަދަލު ދިނުމަށް ކުރާ އިންވެސްޓްމަންޓްގެ ފުރަތަމަ މަރުހަލާއެވެ. އެގޮތުން ލޯކަލް ގަވަމަންޓްތަކުގެ އިތުރުން މާލީ ފައިދާއަކާ ނުލާ މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާ ދިނުމާ، ތަކުލީފުތަކަށް ބަދަލު ދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓާއި ލަޔަން އެއާގެ ފްލައިޓް ވެއްޓުނު ހާދިސާ ހިނގި ދެ ސަރަހައްދަށް ކުރިމަތިވި އިގުތިސޯދީ ހީނަރުކަން ފޫބެއްދުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ބޮއިންގް ކުންފުނިން ބުނެއެވެ.

737 މެކްސް މަރުކާގެ 2 ބޯޓަކަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ހިތާމަވެރި 2 ހާދިސާއެއް ހިނގާ، އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެ މީހުންގެ އާއިލާތަކުން ދަނީ ބޮއިންގްއާއި ދެކޮޅަށް ދައުވާ ކުރަމުންނެވެ.