ހދ. ކުޅުދުއްފުށްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި ސޮއިކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އަށް އިންޑިއާގެ ކެބިނެޓުން ރުހުންދީފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅުގެ ތެރެއިން ވަނީ ހދ. ކުޅުދުއްފުށްޓާއި ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަށް އިދިކޮޅުން ވަަރަށްބޮޑަށް ފާޑުވިދާޅުވެ ދެކޮޅު ހަދާފައިވެއެވެ.
އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކޮޗިން އާއި ހދ. ކުޅުދުއްފުށްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާއާ މަޝްވަރާ ކުރިއެވެ.