ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗްގައި ހިންގާ ކެފޭތައް ނަގަން ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާ ވެސް މުހުލަތެއް ދީފިއެވެ.

އެޗްޑީސީން ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓް ނަގާ އެތަން ހުސްކުރުމަށް ނޯޓިސް ދީފައެވެ. މީގެ ކުރިން ވެސް އެޗްޑީސީން އެތަންތަން ނެގުމަށް ނޯޓިސް ދިން ނަމަވެސް، އެތަން ހުސްކޮށްފައެއް ނުވެއެވެ.

ހުޅުމާލެ ބީޗްގައި ހިންގާ ކެފޭ ރެސްޓޯރަންޓް މައްސަލައިގައި އޭސީސީން ވެސް ވަނީ އެކަން ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އޭސީސީން ބަލާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެޗްޑީސީ އަށް މިދިޔަ މޭ މަހު އެންގިއެވެ.

އަދި އެއާއެކު އެޗްޑީސީން އެތަން ހުސްކުރުމަށް އިންޒާރުގެ ނޯޓިސްއެއް ދިނެވެ. ނަމަވެސް ފަހުން އެޗްޑީސީން ވަނީ ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ލުޔެއްދީ އޭސީސީގެ އެންގުމާ ހިލާފުވެފައެވެ.

މީގެ ކުރިން އެޗްޑީސީން ބުނެފައިވަނީ ބީޗް ހުސްކުރާނީ ދެވަނަ ފިޔަވައްސަށް އަޅަން ޖެހޭ ހޮޅިތައް ވަޅުލުމާ ކައިރި ކޮށްފައި ކަމަށެވެ.