ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ވަގުތީ ލީޑަރަކަށް، އެމެރިކާގެ އިކޮނޮމިސްޓެއް ކަމަށްވާ ޑޭވިޑް ލިޕްޓަން ހަމަޖައްސަވައިފިއެވެ.

އައިއެމްއެފް އިސްވެރިޔާގެ މަގާމަށް ލިޕްޓަން ހަމަޖައްސަވާފައިވަނީ، ގިނަ ދުވަސްތަކެއްގެ ވަންދެން އެ މަގާމުގައި ހުންނެވި ކްރިސްޓިން ލަގާޑު، ވަގުތީ ގޮތުން އެ މަގާމު ދޫކޮށްލައްވާނެކަން އިއުލާންކުރެއްވުމާއެކުގައެވެ.

އައިއެމްއެފްގެ އިސްވެރިޔާގެ މަގާމު ވަގުތީ ގޮތުން ދޫކޮށްލެއްވުމަށް ކްރިސްޓިން ލަގާޑް ނިންމެވީ، ވިލާތުގެ މަރުކަޒީ ބޭންކު (އީސީބީ)ގެ އިސްވެރިޔާގެ މަގާމަށް އޭނާގެ ނަން ނޮމިނޭޓްކުރެވުނު ހިސާބުންނެވެ.

އީސީބީގެ އިސްވެރިޔާގެ މަގާމުގައި މިވަގުތު ހުންނެވީ ފާއިތުވީ 8 އަހަރުދުވަހުވެސް މި މަގާމު ފުރުއްވަމުން ގެންދެވި މާރިއޯ ޑްރާގީއެވެ. ޑްރާގީ މިހާރު އަދާކުރައްވަމުން ގެންދަވާ 2 ވަނަ ދައުރުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިމަގާމަށް ލަގާޑް ހޮވިވަޑައިގެންފިނަމަ އައިއެމްއެފްގެ އިސްވެރިޔާ ކަމުގެ މަގާމުން ލަގާޑު އިސްތިއުފާ ދެއްވާނީ އެ މަގާމުގެ 2 ވަނަ ދައުރުގެ މުއްދަތު ހަމަ ނުވަނީހެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ މާލީ އަދި އިގުތިސޯދީ ހަރަކާތްތައް އެންމެ ގާތުން ވިލަރެސްކުރަމުންދާ އައިއެމްއެފްގެ ބޯޑުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ލަގާޑަށްފަހު، އެ ޒިންމާ އަދާކުރެއްވުމުގައި ޑޭވް ލިޕްޓަންގެ މައްޗަށްވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. ޑޭވް ލިޕްޓަން މިވަގުތު ހުންނެވީ އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރުކަމުގެ މަގާމުގައެވެ.