ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން އިބްރާހިމް އާތިފް ޝަކޫރު އިސްތިއުފާ ދެއްވީ، ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެކަން އެނގިވަޑައިތުމުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ، އޭނާ އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފަށައިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަނީ ލޯންޑަރިންގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށާއި، އޭނާއަށް ފަހު އެފްއައިޔޫގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅުއްވައި ދޫކޮށްލުމަކީ ހެޔޮ ނިޔަތެއްގައި ކުރައްވައިފައިވާ ކަމެއް ނޫންކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުމަށް ކަމަށް ބުނެ އާތިފަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށް އޭސީސީން ވަނީ މިއަދު ހާމަ ކޮށްފައެވެ.

ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހެވެ. ނަމަވެސް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން، މިދިޔަ ފެބުރުއަރީ މަހު 21 ވަނަ ދުވަހު އިތުރަށް ތަހުގީގު ކުރުމަށް އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭސީސީއިން ބުނެއެވެ.