އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ އެންގެވުމަށް ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.
އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅުއްވައި ދޫކޮށްލުމަކީ ހެޔޮ ނިޔަތެއްގައި ކުރައްވައިފައިވާ ކަމެއް ނޫންކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުމަށް ކަމަށް އޭސީސީން ބުނެއެވެ. އަދި އެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ މިދިޔަ ފެބްރުއަރީ 18 ވަަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން، މިދިޔަ ފެބުރުއަރީ މަހު 21 ވަނަ ދުވަހު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީއިން ބުނެއެވެ.
އެފްއައިޔޫން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި ވާގޮތުން، ތުހުމަތު ކުރެވޭ ކުންފުންޏަށް 31 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށް، ޖުމްލަ 8 ޓްރާންސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން 47 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވެއެވެ. އަދި މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ތަހުގީގަށް އާތިފް އިއުތިރާފުވެވަޑައިގެންފައި ވަނީ އެ ރިޕޯޓު އެނަލައިޒް ކުރަމުން ދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓު ތަހުގީގު އިދާރާއަކަށް ނުފޮނުވަން ނިންމަވައި ފައިލް ކުރެއްވި އިރުވެސް، އެގޮތަށް ނިންމެވީ އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް އާތިފު އޭސީސީގެ ތަހުގީގުގައި ވިދާޅުވެފައި ވާކަމަށް އޭސީސީ ބުނެއެވެ.
އޭސީސީން ފާހަގަކުރި އެފްއައިޔޫގެ އިހުމާލުތައް؛
- ޖުމްލަ 8 ޓްރާންސެކްޝަނަކުން 47 މިލިއަން ރުފިޔާ އެސްއޯފްގެ އެކައުންޓުން ނަގާފައިވާ ކަން އެފްއައިޔޫއަށް އެނގި ހުރެ އަޅާ ނުލުން.
- - އެސްއޯއެފްގައި އެފަދަ ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގާބިލުކަން ނެތްކަން އެނގުން.
- - އެފްއައިޔޫގެ ރިޕޯޓު ފުލުހުންނަށް ހުށަނޭޅުމުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވާން ދޫކޮށްލުން.
- - އެފްއައިޔޫގެ އެނަލިސިސް ރިޕޯޓު ތަހުގީގީ އިދާރާ އަކަށް ނުފޮނުވަން ނިންމީ އާތިފު ކަން އޭނާގެ އިއުތިރާފުން އެނގުން.
- - ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި އިރު އެކަން ތަހުގީގު ކުރަން އެފްއައިޔޫން ފުލުހުންނަށް ހުށަނޭޅުން.
އެސްއޯއެފްއާ ގުޅޭ ގޮތުން، އެފްއައިޔޫ އިން ތައްޔާރު ކޮށްފައިވާ އެނަލިސިސް ރިޕޯޓު، އާތިފުގެ އަމިއްލަ އީމެއިލް އެކައުންޓުން އޭރުގެ ގަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުއްވާފައި ވާކަން ތަހުގީގަށް ފާހަގަވެފައި ވާއިރު، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރަން އާތިފަށް އިރުޝާދު ދެއްވާފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް ލިބިފައިނުވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގައި އެނަލިސިސް ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެފްއައިޔޫގެ އޭރުގެ މެނޭޖަރުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވާފައި ވާއިރު، އެ އެނަލިސިސް ރިޕޯޓް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމި ނިންމުގައި މެނޭޖަރު ބައިވެރިވެފައި ނުވާކަމަށް އޭސީސީން ބުނެއެވެ. އަދި އެ ރިޕޯޓްގައި މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައި ވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ގަވަރުނަރު އެގޮތަށް އަމަލުކުރުމަށް އަންގަވައި، އޭނާގެ ނުފޫޒު އޮވެގެންކަން ސާބިތު ކުރެވޭވަރުގެ ހެއްކެއް ކޮމިޝަންގެ ތަހުގީގަށް ލިބިފައި ނުވެއެވެ.