1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް ހިމާޔަތް ދިނުމަކީ ނޮވެމްބަރު 3 ގައި ޝަހީދުވި ދިވެހިން އިންސާފުން މަހުރޫމް ކޮށްލުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ވިދާޅުވީ ފަހުގެ ތާރީހެއްގައި ދިވެހިން ދުށް އެންމެ ބޮޑު އުދުވާނީ ހަމަލާގައި، އިސް ދައުރެއް އަދާކުރި ލުތުފީ، ދިވެހި އެމްބަސީއެއްގެ ހިމާޔަތުގައި ފިލައިގެން އުޅެން ފުރުސަތު ދިނުމަކީ ޝަހީދުވެގެންދިޔަ އެތަކެއް ދަރިން އިންސާފުން މަހުރޫމްކޮށް އެ އާއިލާތަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށެވެ.

ދުންޔާ މި މޭރުމުން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި 2010 ވަނަ އަހަރު ލުތުފީ ބޭސްފަރުވާއަށް ފޮނުވުން އޭނާ ލަންކާގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެއް އުޅުމަށް ފަހު، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަަށް އަމިއްލަ އަށް ހާޒިރުވި ނަމަވެސް ސަރުކާރުން އެކަން ރައްޔިތުންނަށް ހާމަކޮށްފައި ނުވާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ލުތުފީ ރާއްޖެ ގެނައުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ ލުތުފީ ރާއްޖެ ގެނައުމަށް ދިގު މުއްދަތެއް ނަގަމުން ދަނީ ބައެއް ލިޔެކިއުންތައް ހަމަ ނުވެގެން ކަމަށެވެ.

ލުތުފީ ލަންކާ އެމްބަސީގެ ބެލުމުގެ ދަށަށް ދިޔައީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުފައެވެ. އެހެން ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އޭނާ އެމްބަސީއަށް ވަނީ މޭ މަހުގެ 1 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މި މައްސަލަ ފެންމަތި ވެފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.