ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ، ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި 7 މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ލުތުފީއަށް ކޮށްފައި ވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި، މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 7 މަހާއި 18 ދުވަސް ވަންދެން ޖަލު ބަންދު ކުރުމަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އޭނާ ވަނީ، ރާއްޖެއިން ފިލައިގެން ދިޔަ ކަމަށް އެއްބަސްވެ، އަދަބު ކުޑަކޮށް ދިނުމަށް އެދިފައެވެ.

ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނީ ލަންކާގައެވެ. އަދި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަދެފައިވަނީ މޭ 1، 2019 ގައެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސް ޖަލުގައި ބަންދުކޮށްފައި ވަނީ އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަތާ 2 މަހަށް ވުރެ ގިނަ ދުވަސް ވީފަހިން ޖުލައި 9، 2019 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލުތުފީ ލަންކާގައި އުޅުނީ ނަން ބަދަލު ކޮށް ޒާން ގެ ނަމުގައެވެ. އަދި އެގައުމުގައި އުޅުނު ދިވެއްސަކާ ކައިވެނިކޮށްފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ލުތުފީ ރާއްޖެ ގެނައި އިރު އަދިވެސް އޭނާގެ ހުކުމުގައި ބާކީ 4 އަހަރާ ދުވަސްކޮޅެއް އެބަ އޮތެވެ.

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވިއެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމެއް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ފަހުން 25 އަހަރުގެ ޖަލު ހުކުމަކަށް ވަނީ ބަދަލުކޮށްފައެވެ.