ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، އަބްދުﷲ ލުތުފީއަށް 10 ދުވަހުގެ ފުރުސަތެއް މިއަދު ކުރިމިނަލް ކޯޓުން ދީފިއެވެ.
އެ މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުން ބާއްވާފައި ވާއިރު އެ އަޑުއެހުން ބޭއްވީ މާފުށީ މެޖިސްޓްރޭޓް ކޯޓަށް ލުތުފީ ހާޒިރުކޮށް، އެ ކޯޓާ ކުރިމިނަލް ކޯޓާ ގުޅާލައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ލުތުފީގެ އިއުތިރާޒެއް އޮތްތޯ ސުވާލު ކުރެއްވުމުން ލުތުފީ ބުނީ އެކަމަށް އިއުތިރާޒެއް ނެތް ކަމަށެވެ.
އެއަށްފަހު ވަކީލަކު އައްޔަނު ކުރުމަށް ބޭނުންތޯ ސުވާލު ކުރުމުން ލުތުފީ ބުނެފައިވަނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އެގޮތުން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ލުތުފީއަށް 10 ދުވަސް ދީ، 10 ދުވަހުގެ ފަހުން މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ލުތުފީގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާއެވެ. އެ ދައުވާ ކުރަނީ ހައިކޯޓުން އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް ވަގުތީ ހުއްދައެއްގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން އަނބުރާ ރާއްޖެ ނައިސް ފިލުމުގެ ސަބަބުންނެވެ. އެއީ 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު އެކެއް މޭ 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާތީއެވެ.
ލުތުފީއަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމާއި ގުޅިގެންނާއި ގާނޫނާ ހިލާފަށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން މެރުމަށް ހުކުމް ކުރި މީހެކެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ލުއިދެއްވާ، އުމުރު ދުވަހުގެ ނުވަތަ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ.
ފިލީތަ؟ ،ފިލުވީތަ؟