ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ ދިރާގުން ހައިސްޕީޑް އިންޓަނެޓްގެ މުޅިން އާ ހަރުފަތަކަށް ގެންގޮސް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީބީޕީއެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ތައާރަފުކޮށްފިއެވެ.
ގިގަބިޓް ސްޕީޑުގައި 1 ޖީބީޕީއެސް އާ ހަމައަށް އިންޓަނެޓް ތައާރަފް ކުރުމަކީ، ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބާ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހެނދުނު ދިރާގު ހެޑް އޮފީހުފައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.
ދިވެހި ރައްޔިތުންނަށް އެންމެ ޒަމާނީ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ. އެގޮތުން ދިރާގުން ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަށް، ނެޓްވާކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ވަނީ ފޯރުކޮށްދީފައެވެ.
ގިގަބިޓް ސްޕީޑްގައި 1 ޖީބީޕީއެސްއާ ހަމައަށް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް، އެއްފަހަރާ ތައާރަފް ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މި ހިދުމަތް ގާއިމު ކުރެވިފައިވާ ރަށްތަކުގެ ތެރޭގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ގަން، ލ. ފޮނަދޫ އަދި އދ. ދަނގެތި ހިމެނެއެވެ. 1 ޖީބީޕީއެސް އިންޓަނެޓަކީ، ބަދަލުވަމުންދާ ޒަމާނުގައި ދިވެހިންގެ ޑިޖިޓަލް މުސްތަގްބަލަށް ވާސިލް ވުމަށް ލިބޭ އިންގިލާބީ ކުރިއެރުމެކެވެ. ގިގަބިޓް ސްޕީޑް އިންޓަނެޓް އަކީ މިހާރު ލިބޭ އެންމެ ބާރު ސްޕީޑް ކަމަށްވާ 100 އެމްބީޕީއެސް އާ އަޅާ ބަލާއިރު 10ގުނަ ބާރު ސްޕީޑެކެވެ.
ޑިޖިޓަލް ރާއްޖެ
ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕޭނެއް ފަށާފައެވެ. ދިރާގަކީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެންނަ ޑިޖިޓަލް ކުންފުންޔެކެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފައެވެ. އަދި 2012 ވަނަ އަހަރު ދިރާގުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް ވިއުގަ އަކުން މުޅި ރާއްޖެ ގުޅައިދީފައެވެ.